ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމީ ޤައުމުތަކުގެ ވެރީންނަށް މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާ އަރިސް ކުރައްވައިފިއެވެ.
އެމަނިކުފާނުގެ އަމިއްލަނަންފުޅުގައާއި، ދިވެހި ސަރުކާރާއި އަދި ރައްޔިތުންގެ ނަމުގައި އިސްލާމީ ޤައުމުތަކުގެ ވެރީންނާއި ރައްޔިތުންނަށް ފޮނުއްވި އެ މެސެޖުގައި ރައީސް މުޢިއްޒު ވިދާޅުވީ، ރަމަޟާން މަހަކީ ރޫޙު އާލާކޮށް، މުރާޖަޢާކުރުމާއި އެއްބައިވަންތަކަމާއި، އޯގާތެރިކަމާއި، ދީލަތިކަން އިތުރުކޮށް، އަޤީދާ ހަރުދަނާކުރުމުގެ މައްސަރުކަމުގައެވެ.
އެހެންކަމުން މި ރަމަޟާންމަހު، އެކުވެރިކަމުގެ ގުޅުންތައް ހަރުދަނާކުރެވި، ޚިދުމަތްކުރުމުގެ ޢަޒުމު ވަރުގަދަވެގެންދާނޭކަމަށް އުއްމީދުކުރައްވާ ކަމަށާއި އިސްލާމީ ޤައުމުތަކުގެ ވެރީންނާއި ރައްޔިތުން ފުރިހަމަ ސިއްޙަތެއްގައި ލެހެއްޓެވުމަށާއި، ކާމިޔާބީ މިންވަރުކުރެއްވުމަށް އެދިވަޑައިގެން އެމަނިކުފާނު ދުޢާ ދަންނަވާފައިވެއެވެ.
ރައީސް މުޢިއްޒުގެ މި މެސެޖުގައި ވެސް ފަލަސްޠީނުގެ ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ތިބި މުސްލިމުން ތަހައްމަލުކުރަމުންދާ ވޭނަށް ތަސައްލީއެއް ހޯދައިދިނުމުގައި ހަރަކާތް އަވަސްކުރުމަށް އިސްލާމީ އުންމަތަށް އިލްތިމާސްކުރައްވާފައިވެއެވެ. އަދި މުސްތަޤިއްލުކަން ހޯދުމަށް ފަލަސްޠީނުން ކުރާ މަސައްކަތަށް ޢަދުލުވެރި އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދައިދީ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ފަލަސްޠީނުގެ މިނިވަން އަދި އިސްތިޤްލާލީ ދަޢުލަތެއް ޤާއިމުކުރެވި، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަށަވަރުކޮށްދެއްވުމަށް އެމަނިކުފާނު ވަނީ އިސްލާމީ އުންމަތަށް އިލްތިމާސްކުރައްވާފައެވެ.




