އަމާޒަކީ މި ދައުރު ނިމޭއިރުގައި ގެދޮރުވެރިކަން އެއްގޮތަކަށްވެސް ނުލިބޭ ރައްޔިތަކު ނުބެހެއްޓުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިޢްޒުއްދީން ފާލަން އަލުން ތަރައްގީކޮށް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފަސްޓް ހައުސް، ނުވަތަ އެންމެ ފުރަތަމަ ގެ، އެ މީހާގެ ބޯހިޔާވަހިކަމަށް މަގުފަހިކޮށްދެވިފައި ނެތް ރައްޔިތަކު ނުހުންނަ ހިސާބަށް ކަންކަން ތަރުތީބު ކުރުމަކީ އެމަނިކުފާނުގެ އަޒުމު ކަމަށާއި އެ މަސައްކަތް ހަމަ އެގޮތުގައި ކުރިއަށް ގެންދާ ކަމަށެވެ.
އެގޮތުން އެއްކަމަކަށް އެންމެ މުހިންމު ވަސީލަތެއްގެ ގޮތުގައި ފަސް ޕަސެންޓުގެ ލޯނު ސްކީމް އަދި އިސްލާމިކް ފައިނޭންސް ލޯން ސްކީމް ހުޅުވާލާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިހާރުވެސް މާލޭގެ އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައްހާސް ރައްޔިތުންނެއް އެއަށް އެޕްލައި ކުރަމުންދާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ދެންނެވި ފަދައިން މިއަހަރުގެ މެދު ތެރޭގައި ލޯނު ދޫކުރަން ފެށިގެންދާނެ ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށާއި ގޯތި އޮތް ރައްޔިތަކަށް ވިއްޔާ ގެދޮރުވެރިކަމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެންދާނީ އެލޯނު ސްކީމުންނެވެ.
އެއީ އެމީހާގެ ގޯތީގައި ގެއެއް އެޅުމަށް ނޫނިއްޔާ އަޅަން ފަށައި ނުނިމިހުރި ގެ ނިންމުމަށް އެލޯނު ސްކީމްގެ ބޭނުން ހިފޭނެތީވެއެވެ.
ހަމައެއާއިއެކު އެލޯނު ސްކީމްއަކީ އިމާރާތް ކުރާ ތަން ރަހުނުކޮށް އަދި އިކުއިޓީ ނުބަހައްޓައި ވަރަށް ލުއި ޓާރމްސްތަކެއްގެ އިސްލާމިކް ލޯން ސްކީމެއް ކަމަށެވެ.
މީގެއިތުރުން މާލޭގައި ނަމަ ބެހެނިވެރިން އެކުވެގެން 10 މިލިއަން ރުފިޔާއާއި ހަމައަށް ލޯނު ނެގޭނެ ކަމާށާއި ޖުމްލަކޮށް ހަ މިލިއަން ރުފިޔާ މާލޭ ސަރަހައްދުގައި ލޯނު ނެގޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިކަމަށް 1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޭގެ ތެރެއިން ލޯނު ނަންގަވައިގެން ވަރަށް ގިނަ ރައްޔިތުން އަމިއްލަ ގެ ހައްދަވަން ފައްޓަވާނެ ކަމަށެވެ.




