ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ ނަމުގައި ސޯޝަލް މީޑިއާގައި ހިންގޭ މަކަރާއި ހީލަތުގެ ޢަމަލުތަކެއް ސަމަލާކުމަށް އައިސްފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.
ޖުމްހޫރީ ޕާޓީން ހާމަކޮށްފައިވާ ގޮތުގައި ނަހުލާގެ ނަމުގައި ސޯޝަލް މީޑިއާގައި ހަދާފައިވާ ފޭކު އެކައުންޓްތަކެއް މެދުވެރިކޮށް އާންމުންގެ އަތުން ފައިސާ އޮޅުވާލައިގެން ނަގާ މައްސަލަތަކެއް އެ ޕާޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
”މި ފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުން ނަހުލާގެ އަސްލު އެކައުންޓްތަކުގައި ހުންނަ ޒާތީ މަޢުލޫމާތާއި ފޮޓޯތައް ބޭނުންކޮށްގެން ވަރަށް އޮޅުވާލެވޭ ގޮތަށް ނަކަލު އެކައުންޓްތައް ހަދާފައިވާކަން ވަނީ ފާހަގަކުރެވިފައި،“ ޖުމްހޫރީ ޕާޓީން ބުނެފައިވެއެވެ.
އިތުރަށް އެ ޕާޓީން ފާހަގަކޮށްފައިވަނީ ނަހުލާގެ އަސްލު އެކައުންޓްތަކަކީ ވެރިފައި ކުރެވިފައިވާ އެކައުންޓްތަކެއް ކަމަށާއި، ނަކަލު އެކައުންޓްތަކުގައި މި ނިޝާން ނުހުންނާނެ ކަމަށެވެ. އަދި މި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އާންމުންނަށް އިލްތިމާސްކުރަމުން، ޖުމްހޫރީ ޕާޓީން އެދިފައިވަނީ ނަހުލާގެ ނަމުގައި ލިބޭ މެސެޖުތަކުގައިވާ ލިންކުތަކާއި އިރުޝާދުތަކަށް ޢަމަލު ނުކުރުމަށެވެ.
ފަހަކަށް އައިސް ރާއްޖޭގައި މިފަދަ އޮޅުވާލުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، ދާދި ފަހުން އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝިއުރީގެ ނަމުގައިވެސް މިފަދަ ސްކޭމެއް ހިނގާފައިވާކަން ފާހަގަކުރެވެއެވެ.




