ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރަމަޟާން މަހަށް ޚާއްޞަކޮށް ފްރެޝް ލޮނުމެދު ބާޒާރަށް ނެރެފިއެވެ.
މި ފިޔަވަޅަކީ ރަމަޟާން މަހު ކާބޯތަކެއްޗަށް އިތުރުވާ ޑިމާންޑަށް އަމާޒުކޮށް، އަސާސީ ތަކެތި އެކަށޭނަ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެސްޓީއޯއިން އަޅާފައިވާ ފިޔަވަޅެކެވެ.
އެސްޓީއޯއިން މިހާރު ވަނީ ލޮނުމެދު ކިލޯއެއް 45 ރުފިޔާގެ ރޭޓުން ވިއްކަން ފަށާފައެވެ. ލޮނުމެދު ލިބެން ހުންނާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރަތަކުންނެވެ. މީގެ އިތުރުން، ހުޅުމާލޭގައި ޚާއްޞަ ހޯލްސޭލް ސައިޓެއް ޤާއިމުކޮށް، ހުޅުމާލޭގެ ފިހާރަތަކަށާއި އާންމު ރައްޔިތުންނަށް މެދުނުކެނޑި މުދާ ލިބޭނެ މަގު ތަނަވަސްކޮށްދީފައިވެއެވެ.
އެސްޓީއޯއިން ވަނީ ފިޔާ، ބިސް އަދި އަލުވީގެ އަގަށްވެސް ބަދަލު ގެނެސްފައެވެ. މިއީ ރަމަޟާން މަހަށް ޚާއްޞަކޮށް މި ތަކެތި ބާޒާރަށް ނެރެން ފެށި ފަހުން އަގަށް ބަދަލު ގެނައި ހަތަރުވަނަ ފަހަރެވެ. މިގޮތުން:
– ފިޔާ ބަސްތާއެއް 335 ރުފިޔާއަށް، ވަކިން ކިލޯއެއް 14 ރުފިޔާއަށް
– ބިސް ކޭހެއް 350 ރުފިޔާއަށް، ވަކިން ބިހެއް 2 ރުފިޔާއަށް
– އަލުވި ބަސްތާއެއް 515 ރުފިޔާއަށް، ކިލޯއެއް 25 ރުފިޔާއަށް
އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިގެން އެސްޓީއޯއިން ވަނީ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. މީގެ ތެރޭގައި އަސާސީ ކާބޯތަކެތި، ތާޒާ ތަރުކާރީ އަދި މޭވާ، ޕްރޮސެސްޑް ކާނާ އަދި ކެއްކުމަށް ބޭނުންކުރާ ތަކެތި ހިމެނެއެވެ.
މި ފިޔަވަޅުތަކަކީ ރަމަޟާން މަހު ކާބޯތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން އަޅާފައިވާ ފިޔަވަޅުތަކެކެވެ. އެސްޓީއޯއިން އިތުރަށް ބުނީ، ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާ ގުޅިގެން އެސްޓީއޯއިން ވިއްކާ އަގަށްވެސް ބަދަލު ގެނެވޭނެއެވެ.



