ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ރަމަޟާން މަހު (1446) ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
ސްޓެލްކޯއިން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، ގްރޭޓަރ މާލެ ސަރަހައްދުގެ ސަރވިސް ކައުންޓަރުތަކުން އާދީއްތައިން ބުރާސްފަތި ދުވަހަށް ހެނދުނު 9:15 އިން މެންދުރު 13:00 އަށް ޚިދުމަތް ދެވޭނެއެވެ. އަދި ރަމަޟާން މަހުގެ ފަހު ދިހައެއްގައި ހެނދުނު 11:00 އިން މެންދުރު 13:00 އަށް ޚިދުމަތް ދެވޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ބިޒްނަސް ސެންޓަރު ޝޯރޫމްގެ ޚިދުމަތްތައް ހެނދުނު 9:15 އިން މެންދުރުފަހު 15:00 އަށް ލިބެން ހުންނާނެ ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ. ނަމަވެސް ރަމަޟާން މަހުގެ ފަހު ދިހައެއްގައި މި ގަޑިތައް ބަދަލުވެ، ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށް ޚިދުމަތް ދެވޭނެއެވެ. އަދި ބިޒްނަސް ސެންޓަރުތަކުން ފަހު ދިހައެއްގައި ޚިދުމަތް ދޭނެ ތާރީޚެއް ފަހުން އިޢުލާންކުރާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
އަތޮޅުތެރޭގެ އިންޖީނުގެތަކުގެ ސަރވިސް ކައުންޓަރުތަކުން ވެސް އާދީއްތައިން ބުރާސްފަތި ދުވަހަށް ހެނދުނު 9:15 އިން މެންދުރު 13:00 އަށް ޚިދުމަތް ދެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. އަދި ރަމަޟާން މަހުގެ ފަހު ދިހައެއްގައި ހެނދުނު 11:00 އިން މެންދުރު 13:00 އަށް ޚިދުމަތް ދެވޭނެ ކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދީފައިވެއެވެ.



