ރަމަޟާން މަހާ ގުޅުވައިގެން ”އެކުވެރި ރޯދަ 30“ ގެ ނަމުގައި މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން، އެމްޑަބްލިއުއެސްސީގެ އެޕް މެދުވެރިކޮށް ބިލް ދައްކާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތަކަށް އުމްރާ ދަތުރެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މިއަހަރަކީ އެމްޑަބްލިއުއެސްސީ އަށް 30 އަހަރު ފުރޭ އަހަރު ކަމަށްވުމާއެކު، މި މުނާސަބަތާއި ރަމަޟާން މަހާ ގުޅުވައިގެން މި ޕްރޮމޯޝަން ބޭއްވުމަށް ނިންމާފައިވާކަމަށް އެމްޑަބްލިއުއެސްސީން މަޢުލޫމާތު ދީފައިވެއެވެ. މި ޕްރޮމޯޝަންގެ މައިގަނޑު މަޤްޞަދަކީ ރަމަޟާން މަހާ ގުޅުވައިގެން ކަސްޓަމަރުންނަށް ފަހި ފުރުސަތެއް ތަނަވަސްކޮށްދިނުމާއެކު، އެމްޑަބްލިއުއެސްސީގެ އެޕަށް އަހުލުވެރިކުރުވައި، އެޕް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު އިތުރުކުރުމެވެ.
މީގެއިތުރުން ކައުންޓަރުތަކަށް އައުމުގެ ބަދަލުގައި އެޕް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް އާންމުންނަށް ބާރުއެޅުމާއި، ވަގުތު ސަލާމަތްކުރުމަށް މަގުފަހިކޮށްދިނުމެވެ. އަދި އެމްޑަބްލިއުއެސްސީގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، ފަސޭހަކޮށް، ޒަމާނީކުރުމުގެ މަސައްކަތަށް ހަލުވިކަމާއެކު ކުރިއެރުން ހޯދުމަކީ ވެސް މިޕްރޮމޯޝަންގެ މަގުސަދެއް ކަމަށް އެ ކުންފުނިން ބުންޔެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ 1 މާރިޗު 2025 އިން 31 މާރިޗު 2025 ގެ ނިޔަލަށެވެ. ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އެމްޑަބްލިއުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށެވެ. އަދި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އެމްޑަބްލިއުއެސްސީގެ އެޕް މެދުވެރިކޮށް ބިށް ބިލަށް ފައިސާ ދައްކާ، އަދި ޕްރޮމޯޝަންގެ މުއްދަތު ހަމަވާއިރު ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވާ އެއްވެސް ފެން ބިލެއް ނުވަތަ އަދަ އަދަދެއް ނުދައްކާ ނެތް ކަސްޓަމަރުންނަށެވެ.
ގުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތަށް ލިބޭ އުމްރާ ދަތުރު، އިޢުލާންކުރާ ތާރީޚުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ބޭނުންކުރަންވާނެއެވެ. އަދި އުމްރާ ދަތުރު ލިބޭ ފަރާތަށް އެ ދަތުރު ބޭނުން ނުކުރެވޭނަމަ، އެހެން މީހަކަށް ބަދަލުކުރުމުގެ ފުރުސަތު ދެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ހާމަކޮށްފައިވެއެވެ.
ގުރުއަތުން ހޮވޭ ފަރާތްތައް ރަސްމީކޮށް އިޢުލާންކުރެވޭނީ އެމްޑަބްލިއުއެސްސީގެ ސޯޝަލް މީޑިއާ، ވެބްސައިޓް އަދި ކަސްޓަމަރުންނާ މަޢުލޫމާތު ފޯރުކޮށްދޭ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށެވެ. ގުރުއަތުން ނަގަން ހަމަޖެހިފައިވާ ތާރީޚު ކަސްޓަމަރުންނާ ފަހުން ހިއްސާކުރެވޭނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.
މި ޕްރޮމޯޝަނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެމްޑަބްލިއުއެސްސީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުއްވުމަށް ނުވަތަ 1050 އަށް އެސްއެމްއެސް ފޮނުއްވުމަށް ނުވަތަ mail@mwsc.com.mv އަށް އީމެއިލް ކުރެއްވުމަށް އެމްޑަބްލިއުއެސްސީން އަންގަވާފައިވެއެވެ.



