މިހާރު ކުރަމުންދާ ވިއްސާރާއި ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކުތައްވެސް ބަންދުވާނެ ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އެމްއެމްއޭ އިން ބުނީ މިއަދަކީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވާފައި ވާތީ އެމްއެމްއޭ އާއި ބޭންކުތައް މިއަދު ވާނެ ކަމަށެވެ.
ރާއްޖެއަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން، މޫސުމާބެހޭ ޤައުމީ އިދާރާއިން ރޭގައި ވަނީ، މާލެ ސަރަހައްދު ހިމެނޭހެން އޮރެންޖު އެލާޓު ވެސް ނެރެފައެވެ.
މޫސުން ވަރަށް ބޮޑަށް ގޯސް ވުމާއި ގުޅިގެން މިއަދަކީ ރަސްމީ ބަންދު ދުވަހެއް ކަމަށް ރައީސް ނިންމެވީ ރޭ ފަތިހުއެވެ.
”މެދުނުކެނޑި ބޯކޮށް ވާރޭ ވެހި އަދި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިވެ ތަކުލީފުތަކެއް ލިބިފައިވާތީ 2 މާޗު 2025 ވަނަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި،“ ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ރޭ ފަތިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
މީގެއިތުރުން މެދުނުކެނޑި ރޭގައި ބޯކޮށް ވާރޭވެހުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ގޭގެއަށް ފެންވަދެ، ގިނަ ގެއްލުންތަކެއް ބައެއް ރައްޔިތުންނަށް ވަނީ ވެފައެވެ.
މަގުތަކުން ފެންހިންދުމުގައާއި ވެލިބަސްތާ ޖެހުމާއި އެނޫންވެސް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރެއިންސުރެއް ފުލުހުންނާއި، ސިފައިން އަދި އެކިއެކި މުއައްސަސާތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފުން މައުލާމާތޫ ދީފައިވާ ގޮތުގައި މިހާތަނަށް 85 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ، 700 އަށް ވުރެ ގިނަ ވެލި ބަސްތާ ވަނީ އެކި ދިމަ ދިމާލުގައި ޖަހާފައެވެ.




