ރަމަޟާން މަހު ރޭގަނޑު 8:30 އިން ފެށިގެން ވެމްކޯގެ މަސައްކަތް ފެށޭނެ ކަމަށް ވެމްކޯގެ ޖެނެރަލް މެނޭޖަރ ސެންޓްރަލް އޮޕަރޭޝަންސް، ހުސައިން އިބްރާހިމްފުޅު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ މި މަޢުލޫމާތު ހާމަކުރައްވާ ވިދާޅުވީ ވިއްސާރަ ވެހޭއިރު މަގުމައްޗަށް ކުނި ނުނެރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި ވިއްސާރައިގައި ކުނި ނެރުމުގެ ސަބަބުން އެ ސަރަހައްދެއްގެ ފެން ތަޣައްޔަރުވެގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަމަޟާން މަހުގެ ފުރަތަމަ ހަފްތާގައި މާލޭގައި އާދަޔާ ޚިލާފަށް ކުނި ގިނަވެފައިވާ ކަން ފާހަގަކުރައްވައި، ހުސައިން އިބްރާހިމްފުޅު ވިދާޅުވީ ރޭގަނޑުވެސް އާންމު ހާލަތުގައި ނަގާ ވަރަށްވުރެ 3 ގުނަ އިތުރަށް ކުނި ނަގާފައިވާ ކަމަށެވެ. އަދި ވެމްކޯގެ މުވައްޒަފުން ރޭގަނޑު 8:30 އިން ފެށިގެން އިރުއަރަންދެން މަސައްކަތް ކުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަގުމައްޗަށް ކުނި ނެރުމަށް ނޭދޭކަން ފާހަގަކޮށް، ހުސައިން އިބްރާހިމްފުޅު ވިދާޅުވީ ވެމްކޯއިން ދާނީ ޑޯ-ޓު-ޑޯ ޚިދުމަތް ދެމުން ކަމަށެވެ. އެއްވެސް ފަރާތަކުން ބޭރަށް ކުނި ނެރެންޖެހޭނެ ސަބަބެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުނި ބަލައި ނާންނަ ކަމަށްވާނަމަ ވެމްކޯގެ ކޯލް ސެންޓަރަށް ގުޅާލުމުން ޚިދުމަތް ދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރަމަޟާން މަހު ނެރޭ ކުނި ކޮތަޅުތައް ބަރުކަން ފާހަގަކޮށް، ހުސައިން އިބްރާހިމްފުޅު އެދިފައިވަނީ ކުނި ކޮތަޅު ޑަބަލްކޮށް، ގެއިން ނެރޭ ކުނި ކޮތަޅު ރަނގަޅަށް ޕެކްކުރެވިފައި ހުރިކަން ޔަގީންކުރުމަށެވެ. އަދި ބިއްލޫރި ތެޅިފައިވާނަމަ އެވެސް ކަރުދާހުގައި ބަންދުކޮށް ކޮތަޅަށް ލުމަށް އެދިފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން ހުޅުމާލެ ޑިވިޝަންގެ މެނޭޖަރު އަޙްމަދު ހަނީފް ވިދާޅުވީ ހުޅުމާލޭގައި ރަމަޟާން މަހުވެސް ކުނި މަގުމައްޗަށް ދޫކޮށްލާފައި ހުންނަތަން ނުފެންނަ ކަމަށާއި، ޑޯ-ޓު-ޑޯ ޚިދުމަތަށް އަރައިގެން ނެގޭ ގޮތަށް ހުންނަ ކަމަށެވެ. އަދި ހުޅުމާލޭގައި މި މައްސަލަ މާ ބޮޑަށް ދިމާނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ބޮޑެތި ކުނި އުކާލުމަށް ވެމްކޯއިން ގާއިމްކޮށްފައިވާ ކެޕް ސަރވިސް މެދުވެރިކޮށް އެފަދަ ކުނި އުކާލެވޭނެ ކަމަށް ހުސައިން އިބްރާހިމްފުޅު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ޚިދުމަތް މިހާރު ވަނީ ފުޅާކުރެވިފައެވެ. އޭގެ ދަށުން ކުނި ތިރިޔަށް ބާލާފައި ހުރިނަމަ ވެމްކޯގެ މުވައްޒަފުން އެ ކުނި އުކާލާނެއެވެ. އަދި ކަސްޓަމަރު ބޭނުންވާ ކަމަށްވާނަމަ ވެމްކޯ މުވައްޒަފުން މައްޗަށް އަރާ އެތަކެތި ބާލައި ކުނި އުކާލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



