ރާއްޖޭގައި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހުނު ކަމަށް އަލަށް ރިކޯޑު ކުރެވިފައި ވަނީ ކ. ދިއްފުއްޓަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް ދިއްފުއްޓަށް ވަނީ 296.1 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި 24 ގަޑިއިރުގެ ތެރޭގައި ވެހުނު އެންމެ ގިނަ މިންވަރުގެ ވާރޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ކުރިން މި ރެކޯޑު އޮތީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ހއ. ކެލާއަށް ވެހުނު 231.5 މިލިމީޓަރުގެ ވާރޭގައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މިފަހަރުގެ ވިއްސާރައިގައި ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުމާލެއަށެވެ. އެއީ 185.2 މިލިމީޓަރެވެ. އަތޮޅުތެރެއިން އެންމެ ގިނައިން ވާރޭވެހިފައި ވަނީ ފ. ނިލަންދޫއަށް ކަމަށްވާއިރު، އެރަށަށް ވެހުނީ 178.2 މިލިމީޓަރެވެ.
މާލެ އަތޮޅުގެ އެހެން ރަށްތަކަށްވެސް ގިނަ މިންވަރަކަށް ވާރޭ ވެހިފައިވެއެވެ. އެގޮތުން ހުޅުލެއަށް 177.2 މިލިމީޓަރާއި ކ. ގާފަރަށް 124.4 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، މި ވިއްސާރައިގެ ސަބަބުން މާލެ އަތޮޅުގެ ގިނަ ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައިފައިވާ ކަމަށް ވެއެވެ.
މޫސުމީ އިދާރާއިން މަޢުލޫމާތު ދޭގޮތުގައި މި ވިއްސާރައަކީ ސްރީލަންކާ ސަރަހައްދުގައި އުފެދިފައިވާ ސަރކިއުލޭޝަނަކާ ގުޅިފައިވާ ޓްރަފްގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ސަރކިއުލޭޝަން ރާއްޖޭގެ އުތުރަށް ޖެހެމުންދާތީ، އަންނަ އަންގާރަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެއެވެ.
މި ދުވަސްވަރު މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފައިވެއެވެ.



