މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވާތީ، ފެން ހިންދުމަށް މާލޭ ސިޓީ ކައުންސިލުން، ސަރުކާރުގެ ހަރަދުގައި ގެނައި ދެ ޕަމްޕު ބޭނުން ކުރަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި، މި ދެ ޕަމްޕަކީ ސިޓީ ކައުންސިލުން ބޭނުންވެގެން، ސަރުކާރުން ފައިސާ ދައްކާ، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) މެދުވެރިކޮށް ގެނެސްފައިވާ ޕަމްޕުތަކެކެވެ. މި ޕަމްޕުތައް މިހާރު ބޭނުންކުރަނީ ޑިފެންސް މިނިސްޓްރީ ގެ ބެލުމުގެ ދަށުންނެވެ.
އަލަށް ގެނައި ދެ ޕަމްޕު ބޭނުންކޮށްގެން ސިފައިން ވަނީ އިއްޔެ އާއި މިއަދުވެސް ފެން ހިންދުމުގެ މަސައްްކަތް ކުރިޔަށް ގެންގޮސްފައެވެ.
އެގޮތުން އިއްޔެެއިން ފެށީގެން ކުރިޔަށް ގެންދިޔަ ފެން ހިންދުމުގެ އޮޕަރޭޝަނުގައިި ސިފައިން ވަނީ ޖުމްލަ 16،911 ޓަނުގެ ފެން ހިންދާފައެވެ.
މީގެ އިތުރުން، ފެންބޮޑުވެ މާލޭގެ ގެތަކަށް ފެން ވަދެފައިވާތީ، ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް އެމްއެންޑީފުން ވަނީ ކޮށްދީފައެވެ.
ވިއްސާރައިގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަށް ކުޑަކުރުމަށްޓަކައި ރައީސް ޑރ. މުއިއްޒު ވަނީ މިއަދަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.




