ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފުރަތަމަ ވައިޑްބޮޑީ އެއަރކްރާފްޓް، އޭ330 މަތިންދާބޯޓު އިންޑިއާގެ ކޮޗިންއާއި ޓްރިވަންޑްރަމަށް ދަތުރުތަކެއް ކޮށްފިއެވެ.
މޯލްޑިވިއަން އިން ހާމަކޮށްފައިވާ ގޮތުގައި މި ދަތުރުތައް ކޮށްފައި ވަނީ މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަކަށް ވުމާއި ގުޅިގެން ދަތުރުވެރިންގެ ޑިމާންޑް އިތުރުވުމުންނެވެ.
ކޮޗިންއާއި ޓްރިވަންޑްރަމަކީ ބޭސްފަރުވާގެ ޚިދުމަތް ހޯދުމަށް ގިނަ އަދަދެއްގެ ދިވެހިން ޒިޔާރަތްކުރާ ސިޓީތަކެއް ކަމަށްވާއިރު މީގެ ކުރިން މޯލްޑިވިއަނުން މި ދެ ސިޓީއަށް ދަތުރުކުރަމުން އައީ އޭޓީއާރު 72 އަދި އެއަރބަސް އޭ320 މަރުކާގެ މަތިންދާބޯޓުތަކުގައެވެ.
މީގެއިތުރަށް، ކުރިއަށް އޮތްތަނުގައި ވެސް ދަތުރުވެރިންގެ އަދަދު އިތުރުވަމުންދާނަމަ، އޭ330 މަތިންދާބޯޓުގައި މީހުން އުފުލުން ކުރިއަށް ގެންދާނެ ކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.
މި އަހަރުގެ ޖެނުއަރީ މަހު މޯލްޑިވިއަނަށް ގެނައި 264 މީހުންގެ ޖާގައިގެ ވައިޑް-ބޮޑީ މަތިންދާބޯޓާއެކު، މޯލްޑިވިއަނުން މިހާރު ޗައިނާގެ ތިން މަންޒިލަކަށް ސީދާ ދަތުރުތައް ފަށާފައިވާއިރު ޔޫރަޕްގެ ޤައުމުތަކަށް ދަތުރުތައް ފެށުމަށްޓަކައި ވައިޑް ބޮޑީގެ އިތުރު ބޯޓެއް ހޯދުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.




