ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރެޑްވޭވް މެގަމޯލް ހިމެނޭ ސަރަހައްދުގެ ޑިސްޓްރިބިއުޝަން ކޭބަލަކަށް ލިބުނު ގެއްލުމާ ގުޅިގެން އެ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މި މައްސަލަ ހައްލުކުރުމަށްޓަކައި ވަގުތީ ކޭބަލެއް އެޅުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ. އަދި ވީއެންމެ އަވަހަކަށް އެ ސަރަހައްދަށް އަލުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ. ނަމަވެސް، ކަރަންޓު ކެނޑިފައިވާ ސަރަހައްދުތަކުގެ ތަފްސީލާއި، ކަރަންޓު އަނބުރާ ލިބޭނެ ކަމަށް ލަފާކުރެވޭ ވަގުތެއް ސްޓެލްކޯއިން ހާމަކޮށްފައެއް ނުވެއެވެ.



