މިއީ މި އަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން ސޯޝަލް މީޑިއާއިން ފެންނަމުންދިޔަ ހިތާމަވެރި، އެހެންނަމަވެސް ނުހަނު ރީތި މަރެއްގެ ވާހަކައެވެ. ސާފު ސީދާ ރީތި އުޅުމެއްގައި ދިރިއުޅެމުންދިޔަ އަންހެނަކު، އޭނާގެ މަރު އޭނާއާ ބައްދަލުކުރި ހިނދު އޮތް، ހިތަށް ފުން އަސަރުތަކެއް ކުރުވާފަދަ އަދި އެހާމެ އިބުރަތްތެރި ހާދިސާއެއްގެ ވާހަކަ އެކެވެ.
މި ހާދިސާ ދިމާވެފައިވަނީ އަޅުގަނޑުގެ ރަހުމަތްތެރި އަކަށެވެ. އޭނާއާ ފުރަތަމަ ބައްދަލުވީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. އެކުގައި މަސައްކަތް ކޮށްލަން ލިބުނު އެ ފުރުސަތުގައި އޭނާއާ ބައެއް ފަހަރު ބައްދަލުވެސް ވިއެވެ. ހީ ސަމާސާކޮށް އެއިރު ކޮންމެވެސް ވަރަކަށް އަމިއްލަ ވާހަކަތައް ދެއްކުންވެސް އޮތެވެ. އޭނާ އެއްރޭ ބުނި ހަނދާނެއް ވެއެވެ.
”އަހަރެން ކައިވެނި ކުރާނީ ނިޤާބީ އަކާއެވެ.“
ފަހުން 2020 ވަނަ އަހަރުގެ ތެރޭގައި، އިއްތިފާގަކުން ނަމަވެސް، އޭނާ ކަންތައް ކުރީވެސް އެހެންނެވެ. އޭނާ ކައިވެނި ކުރީ މޫނު ބުރުގާ ނުވަތަ ”ނިޤާބް“ އަޅާފައި ހުރި ޒުވާން އަންހެނަކާއެވެ. އިއްތިފާގަކުން އޭނާގެ އަނބިމީހާއަކީ އަޅުގަނޑުގެ އިންސްޓަގްރާމް ފޮލޯވަރުންގެ ތެރޭގައިވެސް ހިމެނުނު މީހެކެވެ. އެހެންކަމުން އޭނާ ކުރާ ޕޯސްޓުތައް ވެސް އަޅުގަނޑަށް ފެންނަމުން ދިޔައެވެ.
އެކުވެރިޔާގެ އަނބިމީހާގެ ޕޯސްޓުތަކުން ފެންނަމުން ދިޔައީ ވަރަށް ވެސް އުފާވެރި އަދި ގަޔާވާ ކަހަލަ ޕޯސްޓުތަކެކެވެ. ގަޔަށް ދޫކޮށް، އެހެންނަމަވެސް ތަފާތު ކުލަތަކާއި ފަރުމާތަކުން ހެދުން އަޅާފައި ހުރި ގޮތުން، އަޅުގަނޑުވެސް އޭނާ ފަދައިން ނިޤާބް އަޅާ ހިތްވިއެވެ. ފިރިމީހާއާއެކު ނަގާފައި ހުރި ފޮޓޯތަކާއި ވީޑިއޯތަކުގައި ލިޔެލާފައިވާ ކެޕްޝަންތަކުން ވެސް އޭނާއަކީ މާތް ﷲ ދެކެ އިންތިހާއަށް ލޯބިވާ އަޅެއްކަމާއި އަދި އޭނާގެ ފިރިމީހާއަށް ވަފާތެރި ކިޔަމަންތެރި އަނތްބެއްކަން ސާފުވާން ހުއްޓެވެ. މި ހުރިހާކަމަކީ ވެސް އޭނާގެ ފުށުން އަޅައިގަތް ރީތި ސިފަތަކެވެ. އޭނާގެ މައްޗަށް އެއްވެސް ހަސަދަވެރިވުމަކާ ނުލައި، އޭނާ ފަދައިންވުމަށް ލިބެންފެށި ހިތްވަރެކެވެ.
އެ ލޯބިލޯނި ދެމަފިރިންނަށް ފަހުން ދަރިއަކު ލިބުނުކަންވެސް އެނގުނެވެ. އެއަށްފަހު އެކުވެރިޔާގެ އަނބިމީހާ އަމިއްލަ އަތްތެރި މަސައްކަތުން ކުޑަ ވިޔަފާރިއެއް ފެށިކަން ވެސް އެނގުނެވެ. އަޅުގަނޑަށް އޭނާގެ އަނބިމީހާ އެނގުނީ މިހާ ކުޑަ މިންވަރަކަށް ކަމުގައިވިޔަސް، އޭނާގެ އަނބިމީހާ ފެންނަ ކޮންމެ ފަހަރަކު އޭނާއަކީ ސާފު ސާދާ އުޅުންތަކެއްގެ ވެރިއެއްކަން ހިތަށް އިހުސާސްވާން ފެށިއެވެ.
ކޮންމެހެނަކަސް، މި އަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން އަޅުގަނޑުގެ އެކުވެރިޔާ ކޮށްފައިވާ، ކުއްލި ސިހުމެއް ލިބުނު، ހިތާމަވެރި ޕޯސްޓެއް ފެނުނެވެ. އޭގައި އޭނާ ލިޔެފައިވަނީ އޭނާގެ ”ދީނުގެ އެއްފަޅި“ ކަމުގައިވާ އޭނާގެ ލޯބިވާ އަނބިމީހާ މި ދުނިޔެއިން ވަކިވެގެން ގޮސްފައިވާ ކަމަށާއި ޖަނާޒާފައި ވީހާވެސް ގިނަ ހެޔޮ އެދޭ ފަރާތްތަކުން ބައިވެރިވެ ދިނުމަށެވެ. އެ ޚަބަރާއެކު އަޅުގަނޑަށް ވެސް ލިބުނީ ބަޔާންކުރަން ނޭނގޭފަދަ ހިތާމައެކެވެ.
ނަމަވެސް އޭގެ ފަހުން އަޅުގަނޑުގެ އެކުވެރިޔާ ކޮށްފައިވާ ޕޯސްޓުތަކުން، މި އާޓިކަލް މިހެން ލިޔެލައި، އެމީހުންގެ ވާހަކަ ކިޔުންތެރިންނާ ހިއްސާ ކޮށްލާނަމޭ ހިތަށް އެރިއެވެ.
ފުރަތަމަ ކަމަކަށް އަޅުގަނޑުގެ އެކުވެރިޔާ އެދިފައިވަނީ، އޭނާގެ ލޯބިވާ އަނބިމީހާ ކުރަމުންދިޔަ ކުޑަ ވިޔަވާރީގައި އެއްވެސް މީހަކަށް ދައްކަންޖެހޭ ފައިސާއެއް ނުވަތަ ފުރިހަމަ ނުކުރެވިހުރި އޯޑަރެއް ހުރިނަމަ، އަނބިމީހާގެ ޖަނާޒާގެ ކުރިން އޭނާއަށް އަނގައިދިނުމަށެވެ. ފިރިއެއްގެ ޒިންމާތައް ފުރިހަމަ ގޮތުގައި އަދާކުރުމުގައި އަޅުގަނޑުގެ އެ އެކުވެރިޔާއަކީ ލާމަސީލު ނަމޫނާއެއްކަން އެކަމުން ދޭހަވީ ހިނދު، އޭނާ އޭނާގެ އަނބިމީހާދެކެ އިންތިހާއަށްވާ ލޯބިވެސް އެކަމުން ދޭހަވެގެން ދިޔައެވެ.
ޖަނާޒާއަށްފަހު އޭގެ އަނެއް ދުވަހު އޭނާގެ އެހެން ޕޯސްޓުތަކެއް ވެސް ފެނުނެވެ. އެހާމެ ފުން އަސަރުތަކެއް ކުރުވި ޕޯސްޓުތަކެކެވެ.
އޭގައި އޭނާ ފުރަތަމަވަނީ، އޭނާގެ އަނބިމީހާގެ ޖަނާޒާގައި ބައިވެރިވީ މީހުންނަށާއި ބައިވެރިނުވެވުނަސް ހެޔޮ ދުޢާ ކޮށްދިން އެންމެންނަށް ޝުކުރު އަދާ ކޮށްފައެވެ.
އެއަށްފަހު އޭނާ ބުނެފައިވަނީ، އޭނާގެ އަނބިމީހާއަކީ ޢިއްފަތްތެރި، ކިޔަމަންތެރި، ލަދުރަކި، ބާރަށް އެއްޗެއް ބުނަން ޖެހިލުންވި އަދި ދީނަށް އެހާމެ ލޯބިކުރި ޞާލިހު އަނތްބެއް ކަމަށެވެ. ދުނިޔޭގައި އުޅުނު ދުވަސްކޮޅު އުޅެފައިވާ ރީތި އުޅުމުގެ ސަބަބުން، މަރު އައިސް ބައްދަލު ކުރި ހިނދު އެއްވެސް ތަކުލީފަކާ ނުލައި ނިޔާވީ ފަސޭހަ މަރަކުން ކަމާއި ނިޔާވިއިރު ވަރަށް ރީތިކޮށް ހިނިތުންވެލާފައި އޮތުމުން ވެސް އެކަން ސާބިތުވެގެންދިޔަ ކަމަށް އެކުވެރިޔާ ބުނެފައިވެއެވެ. އަދި އަނބިމީހާގެ ޖަނާޒާއަށް އޭނާ ހިނެވި މީހުންވެސް އެވާހަކަ ބުނި ކަމަށާއި އެއްވެސް އުނދަގުލަކާ ނުލައި ހިނެވުނުކަމަށް ބުނި ކަމަށް ވެސް އެކުވެރިޔާ ބުނެފައިވެއެވެ.
އެކުވެރިޔާގެ އަނބިމީހާއަކީ އަބަދުވެސް ދީނީ ކަންކަމަށް އިސްކަން ދީގެން އުޅުނު ޞާލިޙު އަޅެއް ކަމާއި، އެންމެހައި ނުބައިކަންކަމުން ދުރުހެލިވެހުރި ރިވެތި އުސޫލެއްގެ ވެރިއެއްކަން އެކުވެރިޔާގެ ވާހަކަތަކުން ހާމަވެގެން ދިޔައެވެ. އަދި އަންހެނުން ތިބެންވާނީ ”މޮޑެސްޓްކޮށް“ ކަމަށް އަބަދުވެސް ބުނަމުންދިޔަ ކަމަށާއި އެގޮތުން ހިޖާބާއި ނިޤާބް އަޅާ އަންހެނުންނަށް ފަސޭހައިން މޫދަށް އެރި އުޅެވޭނެގޮތަށް ހެދުން ތައްޔާރު ކުރުމުގެ އުންމީދުވެސް އޭނާގެ އަނބިމީހާ ކުރިކަމަށް އޭނާ ބުންޏެވެ.
އޭނާގެ އަނބިމީހާއާމެދު ހިތުގައި އޮތް އިހުތިރާމު އިތުރަށް ބޮޑުވެގެން ދިޔައެވެ. އަދި އަނބިމީހާގެ ވާހަކަ ހިއްސާކޮށްލަން ބޭނުންވާކަމަށް ބުނެ ހުއްދައަށް އެދުނީމެވެ. އޭނާ އެ ހުއްދަ ދިނެވެ. އަދި އިތުރަށް އޭނާގެ އަނބިމީހާއާ ބެހޭގޮތުން ތަކުރާރުކޮށް ބުނީ، އެއީ ޢިއްފަތްތެރި، ކިޔަމަންތެރި ޞާލިޙު އަނތްބެއް ކަމަށެވެ. އަދި އޭނާ މާޔޫސްވާ ކޮންމެ ފަހަރަކު އެ އުނގުން އޭނާއަށް ހިމާޔަތްކަން ދިން ކަމަށާއި ދަރިއަކު ލިބުމުން ވެސް އޭނާއަށް ދޭންވާ ލޯތްބާއި އަޅާލުމާއި އޯގާތެރިކަން އެންމެ ޒައްރެއްގެ މިންވަރަށް ވެސް ކުޑަނުވާކަން އޭނާ ފާހަގަ ކުރިއެވެ. އެކުވެރިޔާ ބުނީ އޭނާއާއި އެމީހުންގެ ލޯބިލޯބި ދަރިފުޅު މާތް ﷲ ގެ އިރާދަފުޅާއެކު ކެތްތެރިވާނެ ކަމަށާއި ހިތްވަރުގަދަ ކުރާނެ ކަމަށެވެ. އަދި އާޚިރަތުގައި އޭނާގެ އަނބިމީހާއާއި އަލުން ބައްދަލުވެ، ޖަންނަތުގައި އެ ކުޑަ ޢާއިލާ إن شاء الله އެއްކުރައްވާތޯ ދުޢާ ކުރާ ކަމަށާއި އެކަމަށް އިންތިޒާރުކުރާ ކަމަށް ވެސް ބުންޏެވެ.
އަޅުގަނޑުގެ އެކުވެރިޔާ ތިޔަ އެންމެހާ ކިޔުންތެރިންނާއި އެންމެންގެ ކިބައިންވެސް އެދެނީ، ތިޔަ އެންމެހާ ފަރާތްތަކުގެ ހެޔޮ ދުޢާގައި އޭނާގެ އަނބިމީހާ ޝާމިލުކޮށްދިނުމަށެވެ. ޚާއްސަކޮށް މިއީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށްވީހިނދު، ދުޢާ އިތުރުކޮށްދިނުމަށް އާދޭހާއެކު އޭނާ އެދިފައިވެއެވެ.



