މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ (ހުޅުމާލެ ގްރޭންޑް މިސްކިތް) އަޕްގްރޭޑް ކޮށް އާބާތުރަ ފިލުވުމަށްފަހު ހުޅުވައިފިއެވެ. މިއީ 1800 އަށް ވުރެ ގިނަ މީހުންނަށް ހިތްފަސޭހަ މާހައުލެއްގައި ބޭނުންކުރެވޭގޮތަށް ބިނާކުރެވިފައިވާ މިސްކިތެކެވެ.
މި މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އުރީދޫ މޯލްޑިވްސް އާއި ޤަތަރު ޗެރިޓީ ގުޅިގެންނެވެ.
އެ ފަރާތުން ވަނީ ހުޅުމާލެ ގްރޭންޑް މިސްކިތް ފުލް އެއަރކޮންޑިޝަން ސިސްޓަމާއެކު އަޕްގްރޭޑްކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަށްފަހު މި ހުސްވި ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހު ހުޅުވާފައެވެ.
އެގޮތުން މި މިސްކިތް އާބާތުރަ ފިލުވުމަށްފަހު އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ މޯލްޑިވްސް އަކީ ފޯރުކޮށްދޭ ކަނެކްޓިވިޓީގެ އިތުރުން މުޖުތަމަޢުތަކަށް ފައިދާވާ ފަދަ ކަންކަން ކުރުމަށް އިސްކަންދޭ ކުންފުންޏެއް ކަމަށެވެ.
މިސްކިތް މަރާމާތުކުރުމުގެ މި މަޝްރޫޢަކީ، އިޖްތިމާޢީ ޙައްޤުގައި ޒަމާނުއްސުރެ ކުރަމުން ގެންދާ މަސައްކަތުގެ ހެއްކެއް ކަމަށްވެސް ޚާލިދު އަލް ހަމާދީ ވިދާޅުވެފައިވެއެވެ.
”މި މަރާމާތުތަކުގެ ޒަރިއްޔާއިން އަޅުގަނޑުމެންގެ އަމާޒަކީ މި ބަރަކާތްތެރި ރަމަޟާން މަހުގައި ހުޅުމާލޭގެ ގިނަބަޔަކު ބޭނުންކުރާ މި މިސްކިތުގައި އަޅުކަމުގައި ޝާމިލްވާ އެންމެނަށްވެސް ފަސޭހަ ވެއްޓެއް ޤާއިމުކޮށްދިނުން. އަދި މި މަޝްރޫޢު ޙަޤީޤަތަކަށް ހެދުމުގައި ގަތަރު ޗެރިޓީގެ ދީލަތިކަމާއި އެއްބާރުލުން ފާހަގަކޮށް، ގަތަރު ޗެރިޓީއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން“ ޚާލިދު އަލް ހަމާދީ ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގަތަރު ޗެރިޓީގެ ސީއީއޯ އެސިސްޓެންޓް ފޮރ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓަރ ފައިސަލް ރަޝީދު އަލްފެހައިދާ ވިދާޅުވީ ގަތަރު ޗެރިޓީގައި އަޅުގަނޑުމެންގެ އަމާޒަކީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ނަމަވެސް މުޖުތަމަޢުތަކަށް ރަނގަޅު ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށެވެ. ”މި ޕްރޮޖެކްޓާއެކު، ޚާއްޞަކޮށް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، ހުޅުމާލޭގެ ރައްޔިތުންނަށް އަޅުކަން ކުރުމަށް މިހާރަށްވުރެ ރަނގަޅު ޖާގައެއް ލިބިގެންދާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން. އުރީދޫ މޯލްޑިވްސް އިން މުޖުތަމައަށްޓަކައި ކުރަމުންދާ މަސައްކަތަށް ތައުރީފު ކުރަން“ އޭނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ފައިސަލް ރާޝިދު އަލް ފަހެއިދާ އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީގެ އިތުރުން މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން އެޗް.ޑީ.ސީގެ އިސް އޮފިޝަލުން އަދި އުރީދޫ މޯލްޑިވްސްގެ އިސް އޮފިޝަލުންވެސް ބައިވެރިވެފައި ވެއެވެ.




