ރާއްޖެ އާއި ޗައިނާ އާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ގެ އެއްބަސްވުމުގެ ދަށުން ދުންފަތުގެ ބާވަތްތަކާ އަދި ސިނގިރޭޓު އެތެރެނުކުރެވޭނެ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ލިޔުމުން މަޖިލިހުގެ ތަޅުމަށް ފޮނުއްވި ޖަވާބުގައެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޗައިނާއިން ރާއްޖެއަށް އެތެރެކުރެވޭ ދުންފަތުގެ ބާވަތްތަކާ އަދި ސިނގިރޭޓުން ޑިއުޓީ ނަގާނެތޯ އާއި ސިނގިރޭޓު އެތެރެކޮށްގެން ދައުލަތުގެ ބަޖެޓަށް ވަންނާނެ ކަމަށް ލަފާކުރާ އާމްދަނީގެ އަދަދަށް އެކަމުގެ ސަބަބުން އަންނާނެ ހީނަރުކަމާއި އެކަން ފޫބައްދަން ކުރަމުންދަނީ ކޮން ކަންތައްތަކެއްތޯ މެމްބަރު މުހައްމަދު އިބްރާހިމް ވަނީ ސުވާލުކުރައްވާފައެވެ.
މިނިސްޓަރު ސައީދު ލިޔުމުން ފޮނުއްވި ޖަވާބުގައި ވިދާޅުވީ އެފްޓީއޭގެ ދަށުން ދުންފަތުގެ ބާވަތްތަކާ އަދި ސިނގިރޭޓުން ޑިއުޓީ ނަގާނެ ކަމަށެވެ.
”ދިވެހިރާއްޖެއިން ޗައިނާ އާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދުންފަތުގެ ބާވަތްތަކުން ޑިއުޓީ އިނާޔަތް ދިނުމުން ވަނީ އިސްތިސްނާކޮށްފަ. އެއްބަސްވުމުގެ ދަށުން ސިނގިރޭޓުން ޑިއުޓީ ނަގާނީ ދިވެހިރާއްޖެއަށް އެހެން ގައުމުތަކުން އެތެރެކުރާ ސިނގިރޭޓަށް ވެސް ޑިއުޓީ ނަގާ ރޭޓުން“ލިޔުމުން ފޮނުއްވި ޖަވާބުގައި މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ދުންފަތުގެ ބާވަތްތަކާއި ސިނގިރޭޓުން ދައުލަތަށް ލިބޭ އާމްދަނީ ބިނާވާނީ ޗައިނާއިން ރާއްޖެއަށް އެ ބާވަތްތައް އެތެރެކުރާ މިންވަރުގެ މައްޗަށް ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.



