1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ތަހުނިޔާގެ ޚިޠާބު މިއަދު ރައްޔިތުންގެ މަޖިލީހުގައި އިއްވައިފިއެވެ.
މި ޚިޠާބުގައި ރައީސް މުޢިއްޒު ދިވެހި ރައްޔިތުންނަށް ރަމަޟާން މަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.
ރައީސްގެ ޚިޠާބުގައި، ރަމަޟާން މަހަކީ ނިޢުމަތާއި ރަޙްމަތުން ފުރިގެންވާ މޫސުމެއްކަމަށް ފާހަގަކުރައްވައި، މި މަހުގެ އަޅުކަންތަކުގެ މުހިންމުކަން ބަޔާންކުރެއްވިއެވެ. ކީރިތި ޤުރުއާން ބާވައިލެއްވި އަދި ލައިލަތުލްޤަދްރީގެ މަތިވެރި ދަރުމަ ހިމެނޭ މަހެއްގެ ގޮތުގައި ރަމަޟާން މަސް ފާހަގަކުރެއްވިއެވެ.
ރާއްޖެ އިސްލާމްވީތާ 898 އަހަރު ވެފައިވާކަން ފާހަގަކުރައްވައި، ދިވެހިންގެ ހިތްތަކުގައި ރޯދަ މަހަށް ދެވިފައިވާ ޚާއްޞަ ޤަދަރާއި، ދިވެހިންގެ ރިވެތި އާދަކާދަތައް ފާހަގަކުރެއްވިއެވެ. އަދި މިކަންކަމުން ދިވެހިވަންތަ ސަގާފަތުގެ މުއްސަނދިކަން އިތުރުވާކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، އިސްލާމްދީނާއި ދިވެހިންގެ ކާމިޔާބީގެ ގުޅުން ފާހަގަކުރައްވައި، މުޅި އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމުގެ މުހިންމުކަން ރައީސް ބަޔާންކުރެއްވިއެވެ. ޚާއްޞަކޮށް ފަލަސްޠީނުގެ ރައްޔިތުންނާއި އެހެނިހެން ދަތި ހާލުގައިވާ މުސްލިމުންނަށް އެހީތެރިވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ރައީސްގެ ޚިތާބުގައި ރަމަޟާން މަހުގެ ބަރަކާތްތަކުން ފައިދާ ހޯދުމަށް ރައްޔިތުންނަށް ގޮވާލައްވައި، ހެޔޮ އާދަތައް ދިރުވައި، ނުބައި އާދަތަކުން ދުރުހެލިވުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ. މީގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލު ދޫކޮށްލުމާއި، ދޮގާއި ފިތުނައިން ދުރުހެލިވުމާއި، އިސްރާފު ނުކުރުމާއި، ވަގުތު ބޭކާރު ނުކުރުން ހިމެނެއެވެ. އަދި ޢާއިލާއަށާއި އަވަށްޓެރިންނަށް އޯގާތެރިވުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަލުވިކުރާނެ ކަމަށާއި ކޮންމެ ރޯދަ މަހެއްގައިވެސް ރައްޔިތުންނަށް އޯގާތެރިކަމާއި ކުލުނާއި ދީލަތިކަމުގެ ނަމޫނާ ދައްކާނެކަމަށެވެ.
ޚިޠާބު ނިންމަވާލައްވަމުން، ރައީސް ޑރ. މުޢިއްޒު ދިވެހި ޤައުމަށާއި ރައްޔިތުންނަށް ރަމަޟާން މަހުގެ ބަރަކާތްތަކަށް އެދިވަޑައިގެން އިސްލާމްދީނުގެ ހިދާޔަތުގައި ދިވެހިރާއްޖެ ދެމިއޮތުމަށާއި، ދިވެހި ރައްޔިތުންނަކީ ހެޔޮލަފާ ބަޔެއްގެ ގޮތުގައި އަބަދުމެ ލެއްވުމަށާއި، ވިޔަވަތި ދިރިއުޅުމެއް މިންވަރު ކުރެއްވުމަށް ވަނީ ދުޢާ ކުރައްވާފައެވެ.



