ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެ ޤައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަން ކުރުމަށް ވަނީ ފާސްކޮށްފައެވެ.
މި ގޮތުން ރަޝިޔާ އަދި މޮރޮކޯއަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަން ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ނަންފުޅުތަކަށް މަޖިލީހުން ވަނީ ރުހުން ދީފައެވެ.
ރަޝިޔާއަށް ނޮން ރެޒިޑެންޓް ސަފީރުކަމަށް ކަނޑައަޅުއްވާފައި ވަނީ މިހާރު ތުރުކީވިލާތަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ލެފްޓިނެޓް ޖެނެރަލް (ރިޓަޔަރޑް) އަބްދުއްރަޙީމް އަބްދުއްލަތީފެވެ. އަދި މޮރޮކޯއަށް ނޮން ރެޒިޑެންޓް ސަފީރުކަމަށް ކަނޑައަޅުއްވާފައި ވަނީ ސައުދީ އަރަބިއްޔާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރެވެ.
މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މި ދެ ނަންފުޅު ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ މި ދެ ބޭފުޅުންނަށް ރުހުން ދެއްވާފައެވެ.
މީގެ އިތުރުން، ފިލިޕީންސްއަށް ނޮން ރެޒިޑެންޓް ސަފީރަކު އައްޔަން ކުރެއްވުމަށް ރައީސް ވަނީ މިހާރު މެލޭޝިއާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރްޔަމް ޝަބީނާ އަހުމަދުގެ ނަންފުޅު ހުށަހަޅުއްވާފައެވެ. މި ނަންފުޅު ދިރާސާކުރުމަށް ވަނީ މިހާރު ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.
މަޖިލީހުން ރުހުން ދިނުމާއެކު، މި ދެ ބޭފުޅުން ނޮން ރެޒިޑެންޓް ސަފީރުކަމުގެ މަޤާމަށް ރަސްމީކޮށް އައްޔަންކުރައްވާނީ ރައީސް ޑރ. މުޢިއްޒު އެވެ.




