ހުޅުމާލެ ފޭސް 2 އިން މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބ. ކަމަދޫ / މިނާ، އިބްރާހީމް ޝާއިން ސަޢީދު (20އ) އެވެ.
ފުލުހުންގެ ހާމަކޮށްފައިވާ ގޮތުގައި އިބްރާހީމް ޝާއިން ސަޢީދު ހައްޔަރުކޮށްފައިވަނީ ފެބުރުވަރީ 27 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 ގައި ފުލުހުން ޕެޓްރޯލް ކުރަމުންދިޔައިރުއެވެ.
ހިޔާ ޓަވަރު 3 ޕެޓްރޯލް ކުރަމުންދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ގާނޫނާއި ގަވާއިދާ ހިލާފު އެއްޗެއް ގެންގުޅޭކަމަށް ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ހިޔާ ޓަވަރު 3 ގެ 24 ވަނަ ފަންގިފިލާގެ އުތުރުފަރާތު ސިޑިގޮޅި ކައިރިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 42 ރަބަރު ޕެކެޓާއި ހަތް ސެލޯފިންކޮޅު ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 10.98 ގުރާމު ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އިބްރާހީމް ޝާއިން ސަޢީދުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ފެބުރުވަރީ 28 ވަނަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް އޭނާ ހާޒިރުކުރުމުން ކޯޓުން ވަނީ ހަތް ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަަމަށެވެ.



