މަޖިލީހުގެ ކޮމިޓީތަކުން މެންބަރުން އެއް ކޮމިޓީން އަނެއް ކޮމިޓީް ކޮމިޓީއަށް ބަދަލުކުރުމަކީ ޕާލިމެންޓަރީ ގްރޫޕުތަކުގައި އަބަދުވެސް ހިނގާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
މެންބަރު ފަލާހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބަދަލުތައް ގެނެވެނީ ޕާލިމެންޓަރީ ގްރޫޕުގެ އަދަދާއި، ކޮމިޓީތަކުގެ އަދަދާއި، މެންބަރުން ކޮމިޓީގެ ހާޒިރީއަށް ދެއްވާ އަހައްމިއްޔަތުކަމާއި، ކޮމިޓީގެ މަސައްކަތަށް ދެއްވާ ސަމާލުކަން ފަދަ ކަންކަމުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
”އެކި ކޮމެޓީތަކަށް އެކި މެންބަރުން އެކި އިރު ބަދަލު ގެނައުމަކީ 17، 18، އަދި 19 ވަނަ މަޖިލީހުގައި ވެސް ޢާންމުކޮށް ހިނގާފައި ހުންނަ ކަންކަން“ ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ 20 ވަނަ މަޖިލީހުގައި ވެސް މިފަދަ ބަދަލުތައް ގެނެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައިވެސް، ކޮމިޓީތަކަށް އެ ވަގުތަކަށް ބޭނުންވާ ބަދަލުތައް އަންނަމުން ދާނެ ކަމަށް ފަލާޙު ވިދާޅުވިއެވެ.
ފަލާޙް މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އަޒާނު، މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) އިން ވަކިކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އަޒާނުގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް ހަމަޖައްސާފައިވަނީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން އެވެ. އަދި 241 ކޮމިޓީއަށް އަޒާނުގެ ބަދަލުގައި ވިލިމާލޭގެ ޕީއެންސީގެ މެންބަރު މުހައްމަދު އިސްމާއިލް އެވެ.




