މާލޭގައި ޤާނޫނާ ޚިލާފަށް ސިނގިރޭޓް އުފައްދާ ކަމަށް ތުހުމަތުކުރެވިގެން މިދިޔަ ޖެނުއަރީ މަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް މުދަލާމެދު ގޮތެއް ނިންމުމަށް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން ހ. ހުޅުގަލީގައި ހުންނަ އެޕާޓްމަންޓެއް ބަލައި ފާސްކުރުމަށްފަހު، އެތަނުން 49،000 ފޮށީގެ ސިނގިރޭޓް ހިމެނޭ 103 ކާޓަން އަތުލައިގަތް މައްސަލައިގައި އެތަކެތި ނައްތާލުމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް އިކޮނިމިކް މިނިސްޓްރީއަށް ވަނީ ސިޓީއެއް ފޮނުވާފައެވެ.
މީގެއިތުރުން، މި މައްސަލައިގައި ތުހުމަތުކުރެވޭ ރޭޑިއަސް ޕްރައިވެޓް ލިމިޓެޑްގެ ވިޔަފާރިއާމެދު ގޮތެއް ނިންމުމަށްވެސް އިކޮނޮމިކް މިނިސްޓްރީގައި އެދިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ތަކެތި އުފެއްދުމާއި، އެފަދަ ތަކެތި އުފެއްދުމަށް ބޭނުންވާ ސާމާނު އެތެރެކުރުމަކީ ޤާނޫނުން މަނާކޮށްފައިވާ ކަމެކެވެ.


