މާލޭ ސަރަޙައްދުގައި އިއްޔެ ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ރަމަޟާން މަހުގެ ދެވަނަ ދުވަހު މާލެ އަދި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރި މިންވަރު، ފުރަތަމަ ދުވަހާ އަޅާބަލާއިރު މަތިވެފައިވާ ކަމަށެވެ.
އެގޮތުން، އިއްޔެގެ އެންމެ ބޮޑަށް ކަރަންޓު ބޭނުންކުރި ވަގުތުގައި 80 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވާކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯއިން ޢާންމުކުރި ތަފާސްހިސާބު ދައްކާގޮތުން، އިއްޔެ އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ ހަވީރު 4 އާއި 6 އާ ދެމެދުގެ ވަގުތުތަކުގައެވެ. މި ގަޑިތަކުގައި އެވްރެޖްކޮށް ބޭނުންކޮށްފައިވަނީ 79 މެގަވޮޓްގެ ކަރަންޓެވެ.
މީގެއިތުރުން، ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި، ރަމަޟާން މަހަށް އެކަށީގެންވާ ތައްޔާރީތަކެއް ވެފައިވާތީ، ކަރަންޓު ކެނޑުމުގެ މައްސަލައެއް ދިމާވާނެކަމަށް ނުބެލެވެއެވެ.




