މިއަހަރުގެ ޖެނުއަރީ މަހު އިމްޕޯޓް އަދި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީގެ އަދަދު 287 މިލިއަން ރުފިޔާއަށް އަރައިފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިއީ ފާއިތުވި އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ވަރަށް ބޮޑު ތަފާތެކެވެ. އެގޮތުން، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ކަސްޓަމްސްއަށް ލިބިފައިވަނީ 5.1 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.
މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އެތެރެކުރެވުނު މުދަލުގެ ޖުމްލަ އަގު 5.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައި ވަނީ އިންޑިއާ، ޗައިނާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، މެލޭޝިއާ އަދި ސިންގަޕޫރުންނެވެ.
ހަމައެއާއިއެކު، މި މުއްދަތުގައި ރާއްޖެއިން ބޭރުކުރެވުނު މުދަލުގެ ޖުމްލަ އަގު 144 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑް، އިނގިރޭސިވިލާތް، ބަންގްލަދޭޝް، ވިއެޓްނާމް އަދި އިންޑިއާއަށެވެ.



