އާންމު ރައްޔިތުންނަށް ކަންކަމުގައި ލުއިވާނެފަދަ ގޮތަކަށް ސިޔާސަތުތައް ބައްޓަންކޮށް ކަންކަން ކުރެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅެއް ކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަޠީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ފެނާއި ކަރަންޓުން ޑިސްކައުންޓް ދިނުމާ ބެހޭ ގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އަބްދުލް މަޠީން ވިދާޅުވީ، ރާއްޖޭގައި ކަންކަން ހުރި ގޮތުން ދިރިއުޅުމުގެ ޚަރަދުތައް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށެވެ. އެހެންކަމުން، އާންމު ރައްޔިތުންނަށް ކަންކަމުގައި ލުއިވާނެފަދަ ގޮތަކަށް ސިޔާސަތުތައް ބައްޓަންކޮށް ކަންކަން ކުރެއްވުމަކީ ރައީސް މުޢިއްޒުގެ ވިސްނުންފުޅެއް ކަމަށެވެ.
”އަސާސީ ޚިދުމަތްތަކާއި ދައްކަން ޖެހޭ ބިލްތަކުގެ އަގު، ޚާއްޞަކޮށް ރަމަޟާން މަހުގައި އިތުރު ޚަރަދުތައް ކުރަން ޖެހުމާއެކު، އަސާސީ ޚިދުމަތްތައް ކަށަވަރު ކުރުމުގައި މިގޮތަށް ފިޔަވަޅު އެޅުމަކީ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް،“ އަބްދުލް މަޠީން ވިދާޅުވިއެވެ.
މީގެއިތުރުން، މިއީ ސަރުކާރުން އާންމު ރައްޔިތުންގެ މަޞްލަޙަތަށްޓަކައި އަޅުއްވާފައިވާ ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމަށް ހޭދަވާނެ ޚަރަދުގެ މައްޗަށް އަލިއަޅުވާލާ މަޠީން ވިދާޅުވީ، ރާއްޖޭގައި ޔުޓިލިޓީގެ ޚިދުމަތްދޭ ތިން ކުންފުނިން ވެސް ފެނާއި ކަރަންޓުގެ ޖުމްލަ ހުރިހާ ޚަރަދަކަށް ބަލާ، ކަމާބެހޭ އިދާރާތަކުން އަންދާޒާ ކޮށްފައިވާ ާގޮތުގައި ޖުމްލަ 150 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.
މީގެއިތުރުންް، އެމްޑަބްލިޔުއެސްސީއަށް ބަލާއިރު މިދިޔަ އަހަރުގެ ހިސާބުތަކަށް ބަލާއިރު، ދެ ފަހަރެއްގެ މަތިން ޑިސްކައުންޓް ދެވިފައިވާ ކަމަށާއި، އޭރު ޖުމްލަ 30 މިލިއަން ރުފިޔާ ވަރު ސަރުކާރުން އެކަމަށް ޚަރަދު ކުރައްވާފައިވާ ކަމަށް އަބްދުލް މަޠީން ހާމަކުރެއްވިއެވެ.
”މިއީ ހަމަ ރަމަޟާން މަހާ ގުޅިގެން ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށް ސަރުކާރުން އަޅުއްވާފައިވާ ވަރަށް މުހިންމު ފިޔަވަޅެއް،“ އަބްދުލްމަޠީން ވިދާޅުވިއެވެ.
މި ފިޔަވަޅަކީ ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދު ކުޑަކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އަބްދުލް މަޠީން ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ރަމަޟާން މަހުގައި އިތުރު ޚަރަދުތަކާ ކުރިމަތިލާންޖެހޭ ދަނޑިވަޅެއްގައި، މިފަދަ ލުޔެއް ދިނުމަކީ ގިނަ ރައްޔިތުންނަށް އެހީތެރިކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.




