ޖަނަވާރުގެ ޒަރީއާއިން ބައްޔެއް ފެތުރޭ ފަދަ އަމަލެއް ހިނގައިފިނަމަ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާއެއް ކުރެވޭ ގޮތަށް އެކުލަވާލި ”ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު“ މަޖިލިހުން ބަލައިގެންފިއެވެ.
މި ބިލު ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް އެވެ.
އެގޮތުން މި ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފައި ވަނީ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 43 މެމްބަރުންގެ ވޯޓާއެކުއެވެ.
އެހެންކަމުން އެ ބިލް މިހާރު ވަނީ ދިރާސާ ކުރުމަށް މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ފޮނުވާފައެވެ.
މި ބިލުގައި ޖަނަވާރުގެ ސިއްހަތާ ގުޅޭ ކަންކަމުގައި އަމަލުކުރަންވީ ގޮތާއި، ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާ ގުޅޭ އުސޫލުތަކާއި މި ގާނޫނާ ޚިލާފުވެއްޖެނަމަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށްވެސް ވަނީ ކަނޑައަޅާފައެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި ޖަނަވާރުގެ ޒަރީއާއިން ބައްޔެއް ފެތުރޭފަދަ އަމަލެއް ކޮށްފިނަމަ 10،000 ރުފިޔާއާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއި ގަވައިދާ ޚިލާފަށް ޖަނަވާރު އިމްޕޯޓުކޮށް އެކްސްޕޯޓު ކޮށްފިނަމަ 5،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާކުރެވޭނެ ކަމަށް ބުނެފައި ވެއެވެ.
އަދި ގާނޫނާ ޚިލާފަށް ޖަނަވާރު ވިއްސައި އާލާކޮށް، ގާނޫނާ ޚިލާފަށް ޖަނަވާރު ގެންގުޅެ، ސާމްޕަލް އޮޅުވާލައި، ޖަނަވާރު ގެންގުޅެންޖެހޭ މިންގަނޑުތަކާއި ޚިލާފު އަމަލުތައް ކޮށްފިނަމަ 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށްވެސް މިބިލުގައި ބުނެފައި ވެއެވެ.
ހަމައެހެންމެ ޖަނަވާރަކަށް އަނިޔާއެއް ދިނުމާއި އާންމު ތަންތަނަށް ދޫކޮށްލައިފިނަމަ 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަކުން ޖޫރިމަނާކުރެވޭނެ ކަމަށްވެސް މި ބިލުގައި ބުނެފައި ވެއެވެ.




