އާދިއްތަ ދުވަހު ދިގުރަށް ކައިރިން އަޑިއަށްދިޔަ ”ހުވަން“ ލޯންޗު ނަގައި މަރާމާތުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
”ލެޓްސް ގޯ ދިގުރަށް“ ކުންފުނީގެ ”ހުވަން“ ލޯންޗު އދ. ދިގުރަށުން މާލެއަށް ދަތުރުކުރަމުންދަނިކޮށް، ދަތުރު ފެށި ގާތްގަނޑަކަށް 30 މިނެޓުފަހުން ވަނީ ބޮޑު ރާޅަކާ ޖެހި އަޑިއަށް ގޮސްފައިވާއިރު، ލޯންޗުގައި ތިބި 48 ފަސިންޖަރުން ފުލުހުން ވަނީ ސަލާމަތްކޮށްފައެވެ.
ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން ވިދާޅުވެފައިވާ ގޮތުގައި އެ އަތޮޅުގެ އެކި ރަށްރަށުގެ ރައްޔިތުންގެ އެހީތެރިކަމާއެކު އެރޭ ލޯންޗު ވަނީ ކަނޑުން ނަގާފައެވެ. އަދި މިހާރު އެ ލޯންޗު ވަނީ ދިގުރަށު ފަޅުގައި ބާއްވައި، މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުންދާކަމަށްއުސްމާން ވިދާޅުވިއެވެ.
”ލެޓްސް ގޯ ދިގުރަށް“ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ލޯންޗަކީ ގަތްތާ އެންމެ އަހަރެއްހާ ދުވަސްވެފައިވާ އުޅަނދެކެވެ. އަދި މި ލޯންޗު ގަތުމަށް ގާތްގަނޑަކަށް ހަ މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، މި ހާދިސާއަކީ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ.




1 Comment
6 މިލިޔަނަށް ތީގެ 3 ލޯންޗް ލިބޭނެ