ކަރަންޓު މީޓަރުގެ ރީޑިން ނަގާތާ 20 ނުވަތަ 25 ދުވަސްފަހުން ފޮނުވަމުން އައި ބިލު އެއްދުވަސްތެރޭގައި ފޮނުވާން ތައްޔާރުވެފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ(ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި މިއަދު ވާހަކަދައްކަވަމުންނެވެ.
މި ބަދަލާއެކީގައި ކަސްޓަމަރުންގެ ގިނަ ކަންބޮޑުވުންތަކެއް ހައްލުވާނެކަން ފާހަގަކުރައްވާ ފަހުމީ ވިދާޅުވީ ބިލުފޮނުވުމުން ”މިދިޔަ 20 ވަރަކަށް ދުވަހު ގެއަކު ނޫޅެމޭ، ރާއްޖެއިން ބޭރުގައޭ ހުރީ“ ބުނެ ކަސްޓަމަރުން ފާޅުކުރަމުން އަންނަ ކަންބޮޑުވުންތައް ހައްލުވާނެ ކަމަށެވެ.
ބިލު ފޮނުވާ އުޞޫލަށް ބަދަލު ގެނައުމަށް ނިންމާފައި މި ވަނީ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން މި ބަދަލުގެނައުމަށް އެ ކުންފުނިން މިހާރު ތައްޔާރުވެފައިވާ ކަމަށާއި ކުރިއަށް އޮތްތާގައި ރީޑިން ނަގާތާ އެއްދުވަސް ފަހުން ބިލު ފޮނުވަމުންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
މީގެ އިތުރުން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ”އަޅުގަނޑު އަބަދުވެސް މި ދަންނަވާ ވާހަކައަކީ ސްޓެލްކޯއަކީ ކަސްޓަމަރުންނާއި ގާތުން މަސައްކަތް ކުރާ ގައުމަށް އިހުލާސްތެރި އަދި މަސައްކަތުގެ އަހުލާގާއި ސުލޫކު ހިފަހައްޓައިގެން މަސައްކަތް ކުރާ މުވައްޒަފުންތަކެއް ތިބި ކުންފުންޏެކޭ“ ކަމަށެވެ.
ސްޓެލްކޯއިން ރައްޔިތުންނަށް އޮޅުވައެއް ނުލާނެ ކަމަށާއި ސްޓެލްކޯއިން މަސައްކަތް ކުރާނީ އަބަދުވެސް އިހުލާސްތެރިކަމާއެކު ކަސްޓަމަރުންނަށް އެންމެ ލުއި ފަސޭހަގޮތް ހޯދައިދޭން ކަމަށް ފަހުމީ ވިދާޅުވިއެވެ.
ބިލްދެއްކުމަށް ދަތިވާ ފަރާތްތަކަށްވެސް ލުއި ގޮތްތައް އަބަދުވެސް އެކުންފުނިން ހޯދައިދީފައި އޮންނާނެ ކަމަށާއި އެގޮތުން ސްޓެލްކޯ ވެބްސައިޓް https://stelco.com.mv/rpex މެދުވެރިކޮށް ޕޭމަންޓް އެކްސްޓެންޝަނަށް އެދުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވާނީ ހުޅުވާލެވިފައި ކަމަށް ފަހުމީގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.




