ސަތޭކަ ފަންސާސް މެގަވޮޓް ސޯލަރ މަޝްރޫޢާއެކު އިންޖީނުތައް 8 ގަޑިއިރު ނިއްވާލިޔަސް މާލެ ސަރަހައްދަށް ކަރަންޓުދެވޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަދައްކަވަމުންނެވެ.
މީގެއިތުރުން ފަހުމީ ވިދާޅުވީ 150 މެގަވޮޓުގެ ސޯލަރ ޤާއިމުކުރުމާއެކު މާލެ ސަރަހައްދަށް 7 ނުވަތަ 8 ގަޑިއިރު އިންޖީނު ނިއްވާލައިގެން ތެޔޮ އެންދުމެއް ނެތި ކަރަންޓު ދެވޭނެ ކަމަށެވެ.
ސްމާޓް މީޓަރު ހަރުކުރުމުން އެކި ވަގުތުތަކުގައި ތެލުން އަދި އަވިން އުފައްދާ ހަކަތައިން ކަރަންޓު ދިނުމަށް މަގު ފަހިވާނެކަން ހާމަކޮށް ފަހުމީ ވިދާޅުވީ ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ރޯދައަށްފަހު ފެށޭނެ ކަމަށެވެ.
”ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ރޯދައަށްފަހު ފެށޭނެ. އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ“ ސްޓެލްކޯގެ އެމްޑީ ވިދާޅުވިއެވެ.
ސްމާޓް މީޓަރު ހަރުކުރުމުން ރިއަލް ޓައިމްގައި ކަރަންޓު ބޭނުންކުރެވޭ މިންވަރު އެނގެން ހުންނާނެ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
ސަތޭކަ ފަންސާސް މެގަވޮޓުގެ ސޯލަރ ޤާއިމުކުރުމާއެކު ތެޔޮ އެންދުމެއް ނެތި ކަރަންޓު ދެވޭނެ ކަމަށާއި މީގެ ސަބަބުން ތެލަށްކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަ ކުރެވޭނެކަމަށްވެސް ފަހުމީ ވަނީ ފާހަގަކުރައްވާފައެވެ.



