ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، މިއަދު އެފް.އޭ.އެމް ވެޓެރަންސް ލީގުގައި ބައިވެރިވެވަޑައިގެންފިއެވެ.
މި ލީގަކީ ކުރީގެ ކުޅުންތެރިންނަށް ޚާއްޞަ ކޮށްގެން ކޮންމެ ރަމަޟާން މަހަކު ބާއްވަމުން އަންނަ މުބާރާތެކެވެ.
މިއަދުގެ މެޗުގައި ވާދަކުރީ މުއިވެޔޮ އެފްސީއާއި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ. ނައިބު ރައީސް ކުޅުއްވީ މުއިވެޔޮ އެފްސީ ޓީމުގެ ކެޕްޓަންގެ ގޮތުގައެވެ. މި މުބާރާތުގެ އިތުރު 3 މެޗެއްގައި ނައިބު ރައީސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ސްޓެލްކޯ، އީގަލްސް، އަދި ޕޮލީސް ކުލަބާ ދެކޮޅަށް މުއިވެޔޮ އެފްސީގެ ޓީމުން ކުޅެން ތާވަލުކޮށްފައިވާ މެޗުތަކެވެ.
ހޯމަ ދުވަހު ހަވީރު ފެށި މިމުބާރާތުގެ ކުޅުންތައް ކުރިއަށްދަނީ މާފަންނު ޓާފް ދަނޑުގައެވެ. މުބާރާތުގައި ޖުމްލަ 10 ޓީމެއް ވާދަކުރާއިރު، ކުޅުންތައް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.




