ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގައުމުގެ މަސްލަހަތުގައި އަދި ގިނަ ރައްޔިތުންގެ ފައިދާއަށް ނިންމަވާ ނިންމެވުންތަކުގެ ސަބަބުން ފެންނަނީ މަދު ބަޔެއްގެ ފާޑުކިޔުން ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ޑެޕިއުޓީ މޭޔަރު ނަރީޝް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވަކިވަކި ފަރުދުންނަށްވުރެ ގައުމަށާއި މުޅި ރައްޔިތުންނަށް ފައިދާވާ ކަންކަން ހޯދަންޖެހޭ ކަމަށެވެ. އަދި ނިންމާ ކޮންމެ ނިންމުމެއްވެސް ވާންވާނީ އެ މަގުން ނިންމާ ނިންމުމަކަށް ކަމަށެވެ.
”ނިންމާ ނިންމުމެއްގެ ސަބަބުން ހިތްހަމަނުޖެހޭ ރައްޔިތުންތަކެއް ތިބެދާނެ. އެއީ މައްސަލައެއްވެސް ނޫން. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގައުމުގެ މަސްލަހަތުގައި އަދި ގިނަ ރައްޔިތުންގެ ފައިދާއަށް ނިންމާ ނިންމުންތަކުގެ ސަބަބުން މަދު ބަޔަކު ފާޑުކިޔާތަން ފެނޭ. އެކަމަކު އެއީ މައްސަލައެއް ނޫން،“ ޑެޕިއުޓީ މޭޔަރު ނަރީޝް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މަދު ބަޔެއް ހިތްހަމަނުޖެހިދާނެތީ ގައުމުގެ ވަލިއްޔުލްއަމުރު ގައުމުގެ މަސްލަހަތު ދޫކޮށްލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ރައީސްގެ ކެރުމާއި ހިތްވަރަށް އައްސަރިބަހާއި ސާބަސް ރައްދުކުރެއްވިއެވެ.
ޑެޕިއުޓީ މޭޔަރު ނަރީޝް ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންނަށް އަދުލުއިންސާފު ކަށަވަރުކުރުމާއި، ހައްގުތައް ކަށަވަރުކުރުމާއި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ހަވާސާވެފައި ތިބޭ މީހުންގެ ހައްގުތައް ކަށަވަރުކުރުމާއި، ބޭސްފަރުވާއާއި ތަޢުލީމު ކަށަވަރުކުރުމާއި، އިގްތިސާދު ހަމަމަގުގައި އޮތްތޯ ބެލުމުގެ ޒިންމާ އޮތީ ވަލިއްޔުލްއަމުރުގެ ކިބައިގައެވެ.
އެހެންކަމުން ކެރިގެން އަޅަންޖެހޭ ފިޔަވަޅު ފަސްޖެހުމެއްނެތި އަޅަންވާނެކަން ފާހަގަކޮށް ނަރީޝް ވިދާޅުވީ އެފިޔަވަޅު އަޅަމުންދާ ކަމަށެވެ. އަދި މިކަމުގެ ފައިދާ މިއަދު ނުފެނުނު ކަމުގައިވީ ނަމަވެސް އަންނަން އޮތް ޖީލުތަކުން މި ވާހަކަތައް ދައްކާ މިކަންކަމުގެ ފޮނިމީރުކަން ދެކޭނެ ކަމަށް ޑެޕިއުޓީ މޭޔަރު ނަރީޝް ވިދާޅުވިއެވެ.



