ރާއްޖޭގައި ސައްހަ ވިސާއާއެކު މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވަމުންދާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި މިކަން ހާމަކޮށް ބުނެފައި ވަނީ ރަމަޟާން މަހާ ގުޅިގެން މާލޭގެ މާރުކޭޓުތަކުގައި ހާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންދެވިފައިވާ ކަމަށާއި މިއޮޕަރޭޝަނުގެ ނަތީޖާއިން ދައްކާގޮތުގައި، މާރުކޭޓުތަކުގައި ސައްހަ ވިސާއާއެކު މަސައްކަތްކުރާ ބިދޭސީންގެ އަދަދު ވަނީ އިތުރުވެފައެވެ.
އިމިގްރޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި، ރޯދަ މަހާ ދިމާކޮށް މާލޭގެ މާރުކޭޓުތަކުގައި ބިދޭސީން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާކަމުގެ މަޢުލޫމާތު އިމިގްރޭޝަން ވޮޗަށް ލިބުމާއި ގުޅިގެން ފުރަތަމަ ބަލައި ފާސްކުރެވުނީ ކުދި މާރުކޭޓުތައް ކަމަށެވެ. މި އޮޕަރޭޝަންގެ ތެރެއިން ފެބްރުއަރީ 18 ވަނަ ދުވަހު 5 ތަނެއް ބަލައި ފާސްކުރެވި، ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އޭގެ ފަހުން، މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ބަލައި ފާސްކުރެވުނު ކަމަށާއި މި އޮޕަރޭޝަން ފެށުމުގެ ދެ ދުވަސް ކުރިން، އިމިގްރޭޝަންގެ އޮފިސަރުން ބިދޭސީން ތިބި ގޮޅިތައް ސިއްރުން ދެނެގަނެފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އަދި އޭގެ ފަހުން، ފެބްރުއަރީ 24 ވަނަ ދުވަހު އަލުން އެ ގޮޅިތައް ބަލައި، ބިދޭސީންގެ ލިޔެކިޔުންތައް ޗެކްކުރެވުނުކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރެވި އޭގެ ތެރެއިން 5،000 އަށްވުރެ ގިނަ މީހުން ވަނީ ޑިޕޯޓްކުރެވިފައެވެ.



