ޤާހިރާގައި ބޭއްވި އަރަބި ސަމިޓުގައި ބައިވެރިވުމަށްފަހު އަންގާރަ ދުވަހު ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ތާނީ ވިދާޅުވީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްވެގެން ދިއުމާއި އަދި އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމުގައި ވެގެން ދިއުމަކީ މެދު އިރުމަތީގެ ޞުލްޙަ ޤާއިމްވުމުގެ އަސާސްކަމުގައެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ގަތަރުގެ އަމީރު ވިދާޅުވީ“ގާހިރާގައި ބޭއްވި އަރަބި ސަމިޓުގައި، ޣައްޒާ އާއި ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގައި އެންމެ ފަހުން ހިނގާފައިވާ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރި“ ކަމަށެވެ.
ބައިނަލްއަގްވާމީ ޝަރުއީ ގަރާރުތަކާ އެއްގޮތަށް ފަލަސްތީނުގެ ރައްޔިތުންނަށް ފުރިހަމަ ޝަރުއީ ހައްގުތައް ހޯދުމަށް އެހީތެރިވުމަށް މަސައްކަތްކޮށް،ހުރިހާ އަރަބި އަޚުންނާ އެކު މަސައްކަތް ކުރުމުގެ އުންމީދުވެސް އަމީރު ފާޅުކުރެއްވިއެވެ.
އަންގާރަ ދުވަހުގެ ހަވީރު ޤާހިރާގައި ބޭއްވި ކުއްލި އަރަބި ސަމިޓް ނިންމާލީ ޣައްޒާ އަލުން އާރާސްތުކުރުމަށް މިސްރުގެ މަޝްރޫޢު ތަސްދީގުކުރުމާއެކުގައެވެ.
ރޮއިޓަސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޣައްޒާ އަލުން ބިނާކުރުމަށް މިސްރުން ހުށަހަޅާފައިވާ ޕްލޭނަކީ 112 ޞަފްޙާގެ މައްޗަށް އެކުލެވޭ ކުރެހުންތަކާއި ފޮޓޯތައް ހިމެނޭ، މީހުން ދިރިއުޅޭ ޢިމާރާތްތަކުގެ ޕްރޮޖެކްޓްތަކާއި ޕާކްތަކާއި އިޖްތިމާޢީ މަރުކަޒުތައް އެކުލެވޭގޮތަށް ޑިޒައިންކޮށްފައިވާ ޕްލޭނެކެވެ.




