ޣައްޒާ އަލުން އާރާސްތު ކުރުމަށް މިޞްރުން އެކުލަވާލާފައިވާ ޕްލޭނަށް 53 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފިއެވެ.
ރޮއިޓާސް އިން ވަނީ މިސްރުން އެކުލަވާލާފައިވާ ޕްލޭންގެ ކޮޕީއެއް ލިބިފައިވާކަމަށާއި އަންގާރަ ދުވަހުގެ ހަވީރު ޤާހިރާގައި ބޭއްވި ކުއްލި އަރަބި ސަމިޓްގައި ދިރާސާ ކުރެވުނު މި ޕްލޭނަށް 53 ބިލިއަން އެމެރިކާ ޑޮލަރު ހަރަދުވާނެ ކަމަށް ބުނެފައެވެ.
މިސްރުން އެކުލަވާލާފައިވާ 112 ޞަފްޙާގެ ޕްލޭންގައި ޣައްޒާގެ ބިން އަލުން ތަރައްޤީ ކުރާނެ ގޮތް ދައްކުވައިދޭ މެޕްތަކާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ޕާކްތަކާއި ކޮމިއުނިޓީ ސެންޓަރުތައް ހިމެނެއެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް އިން އުފައްދާފައިވާ ދިހަވަރަކަށް ކުލަ ތަސްވީރު ވެސް އެ ޕްލޭންގައި ހިމަނާފައިވެއެވެ.
އެ ޕްލޭންގައި ވިޔަފާރި ބަނދަރާއި ޓެކްނޮލޮޖީ ސެންޓަރެއްގެ އިތުރުން ގޮނޑުދޮށް ސަރަޙައްދުގައި ހޮޓާތައް ޢިމާރާތް ކުރުމަށްވެސް ޕްލޭންކޮށްފައިވެއެވެ.
މިއީ އަހަރަކަށް ވުރެ ގިނަ ދުވަހު ދެމިގެންދިޔަ ހަނގުރާމައިގައި އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ޣައްޒާ ސުންނާފަތި ކޮށްލުމުން ޣައްޒާ އަލުން އާރާސްތު ކުރުމަށް ހުށަހަޅާފައިވާ ޕްލޭނެކެވެ. ޢަރަބި ގިނަ ޤައުމުތަކުގެ އެއްބާރުލުން މި ޕްލޭނަށް ލިބޭނެ ކަމަށް އުއްމީދު ކުރެވެއެވެ.


