މެލޭޝިއާއިން ގެއްލިގެން ހޯދަމުންދިޔަ ދިވެހި ޒުވާނާ އަހުމަދު އުސައިދު އިބްރާހީމް އަފީފް މިހާރު ހުރީ އެ ގައުމުގެ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އުސައިދު މިވަގުތު ހުރީ މެލޭޝިއާ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އެހެންނަމަވެސް އުސައިދު ފުލުހުން ގެންގޮސްފައިވީ ނަމަވެސް، އޭނާ ހައްޔަރުކުރި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.
މި މައްސަލައިގައި އުސައިދުގެ ބައްޕަ އިބްރާހީމް އަފީފް މައުލޫމާތު ދެއްވިގޮތުގައ، އުސައިދު އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގެ މެންދުރުފަހު 15:15 ގައި ސަންވޭ ޖީއޯ ސަރަހައްދުންނެވެ. އެއަށްފަހު އުސައިދުގެ އެއްވެސް ޚަބަރެއް ނުލިބުމާ ގުޅިގެން، އެރޭ 22:00 ގައި މެލޭޝިއާ ފުލުހުންނަށް މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް އުސައިދުގެ ބައްޕަ ބުނެފައިވެއެވެ.
މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ވެސް މި މައްސަލައިގައި މަސައްކަތްތަކެއް ކުރަމުން ގޮސްފައިވާއިރު، ސީސީޓީވީ ފުޓޭޖްތަކުން ދައްކާގޮތުން، އުސައިދު އާދިއްތަ ދުވަހުގެ 16:00 އެހާކަށްހާއިރު ރާއްޖޭގެ އެމްބަސީއަށް ވަނީ ޒިޔާރަތްކޮށްފައެވެ. ނަމަވެސް އެދުވަހަކީ ބަންދު ދުވަހަކަށްވުމާއެކު، އެމްބަސީގެ އެއްވެސް މުވައްޒަފަކާ ބައްދަލުކުރެވިފައެއް ނުވެއެވެ.
އުސައިދުގެ ބައްޕަ އިތުރަށް ވިދާޅުވިގޮތުގައި، އޭނާގެ ދަރިފުޅުގެ ސްޓޫޑެންޓް ކާޑު ފެނިފައިވާ ކަމަށާއި، އޭނާ ރަނގަޅު ހާލުގައި ހުރިކަން މިހާރު ވަނީ ޔަގީންވެފައެވެ.



