ނ. އަތޮޅު ކެނދިކުޅުދޫގައި ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށްޓަކައި އެރަށް ”ދި މެންގްރޫވް އައިލެންޑް“ ގެ ނަމުގައި ބްރޭންޑް ކޮށް މާކެޓް ކުރަން ފަށައިފިއެވެ.
ރާއްޖޭގެ ރަށްރަށުގައި ހުރި ޤުދުރަތީ މުއްސަނދިކަން ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކުރުމަށް މިސަރުކާރުން ނިންމާފައިވާއިރު މިދިޔަ ފެބްރުއަރީ 29 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކެނދިކުޅުދުއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގެ އިކޯ ޓޫރިޒަމްގެ ވަސީލަތްތައް ތަރައްޤީކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މަގުފަހިކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ކެނދިކުޅުދޫ ކައުންސިލް މެންބަރު ހަސަން މުޙައްމަދު ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިހާރު ޖަރުމަނުވިލާތުގައި ކުރިއަށްދާ އައިޓީބީ ބާލިން ފެއަރގައިވެސް ކެނދިކުޅުދޫ ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެރަށުގައި ހޯމްސްޓޭގެ ޚިދުމަތް ދިނުމުގެ ހުއްދަގެ އިތުރުން 70 އެނދުގެ ލަގްޒަރީ ގެސްޓް ވިލާއެއް އެޅުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށެވެ. އަދި ހަމައެހެންމެ، 70 އެނދުގެ ސިޓީ ހޮޓަލެއްގެ މަސައްކަތްވެސް އަވަސް ސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި، މި އަހަރު ތެރޭގައި މި ހޮޓަލުގެ އެއްބައި ހުޅުވުމަށް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މި މަޝްރޫޢުތަކާއެކު އުފެދޭ ވަޒީފާތަކުގެޒީފާތަކުގެ 70 ޕަސެންޓް ރިޒަރވް ކުރެވިފައި ވަނީ ކެނދިކުޅުދޫ ރައްޔިތުންނަށް ކަމަށާއި މިހާރު ގިނަ ޒުވާނުން ރިސޯޓުތަކުގައި މަސައްކަތްކުރަމުންދާއިރު، މި ފުރުސަތުތަކާއެކު އެކުދިންނަށް އަމިއްލަ ރަށުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މި ވަޒީފާތަކުގައި އަންހެނުންނަށްވެސް ޚާއްސަ އިސްކަމެއް ދެވޭނެކަން ކައުންސިލް މެންބަރު ފާހަގަކުރެއްވިއެވެ.




