އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ކުރިއަށްދާ 75 އެނދުގެ މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާ ގޮތް ހެލްތް މިނިސްޓަރު ޑރ. ޢަބްދުﷲ ނާޒިމް އިބްރާހިމް ބައްލަވާލައްވައިފިއެވެ.
މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭ ސަރަޙައްދަށް ހެލްތް މިނިސްޓަރު ޒިޔާރަތްކުރެއްވީ އައިޖީއެމްއެޗްގެ އިސް ފަރާތްތަކާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށް ފަހުގައެވެ.
މިހާރު ގާތްގަނޑަކަށް350 އެނދާއިއެކު ހިދުމަތް ދެމުން އަންނަ އައިޖީއެމްއެޗްއަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެނދުގެ ދަތިކަމެވެ.
މިއަދު އައިޖީއެމްއެޗްގެ އިސްވެރިންނާއިއެކު ކުރިއަށްދިޔަ މަޝްވަރާ ބައްދަލުވުމުގައި އައިޖީއެމްއެޗްގައި މިހާރު ޑޮކްޓަރަށް ދެއްކުމަށް އޮންނަ ދިގު ކުރުކުރުމަށާއި، އަތޮޅުތަކަށް ކުރާ އައުޓްރީޗް ޕްރޮގްރާމްތައް އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު އާންމުންނަށް ފަސޭހައިން ލިބޭނެ ގޮތްތަކާ ބެހޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
ސަރުކާރުން ދަނީ ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އައިޖީއެމްއެޗްގެ އިތުރުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޚިދުމަތްތައް ފުޅާކޮށް، އައު ޓެކްނޮލޮޖީތައް ތަޢާރަފުކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. މީގެއިތުރުން، ފާއިތުވި އަހަރު ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް އަޕްގްރޭޑްކޮށް، އެނދުގެ ޢަދަދު އިތުރުކުރުމަށްފަހު ވަނީ އަލުން ހުޅުވާލެވިފައެވެ.




