އެސްޓީއޯއިން މިރޭ ކާށީގެ އިތުރު ޝިޕްމަންޓެއް ބާޒާރަށް ނެރެ ވިއްކަން ތައްޔާރުވެއްޖެއެވެ.
އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު ”ސައުވީސް“އަށް ވިދާޅުވީ މިރޭ ކާށި ޝިޕްމަންޓެއް ބާޒާރެއް ނެރެން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ކާށި ކިލޯއެއް ވިއްކާނީ ކިލޯއެއް 20 ރުފިޔާއަށް ކަމަށް ޝާހު ވިދާޅުވިއެވެ.
މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކާށީގެ އިތުރު ޝިޕްމަންޓުތައް ގެންނާނެ ކަމަށް ޝާހު ވިދާޅުވިއެވެ. ކާށި ކިލޯއެއް 20 ރުފިޔާއަށް ވިއްކާއިރު، ކާށީގެ ސައިޒަށް ބަލައި، ވަކިން ކާއްޓެއްގެ އަގު ޖެހޭނީ ގާތްގަނޑަކަށް 7 ރުފިޔާއާއި 9 ރުފިޔާއާ ދެމެދުގައެވެ.
އެސްޓީއޯއިން ކާށި ކިލޯއެއް 20 ރުފިޔާއަށް ލިބޭއިރު، ލޯކަލް މާރުކޭޓުގައި ވަކިން ކާއްޓެއްގެ އަގު އުޅެނީ 40 ރުފިޔާ ނުވަތަ އެއަށްވުރެ މަތިންނެވެ.
މިއަހަރުގެ ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް އެސްޓީއޯއިން ވަނީ ކުރީ އަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ތައްޔާރުވެފައެވެ.




