މި އަހަރަކީ ހަނގުރާމައިގެ އަހަރު ކަމުގައި އިސްރާއީލު އަސްކަރިއްޔާއަށް އަލަށް އައްޔަންކުރެވުނު ޗީފް އޮފް ސްޓާފް އީޔަލް ޒާމީރު އިޢުލާނުކޮށްފިއެވެ.
އިސްރާއީލުގެ މީޑިއާއާ ހަވާލާދީ އަނަޑޯލް އެޖެންސީން ބުނެފައި ވަނީ ޒާމިރު ނިންމި ބަދަލުތަކުގެ ތެރޭގައި ޢަސްކަރީގޮތުން ތަޖުރިބާހުރި ދެކުނު ކޮމާންޑްގެ ކޮމާންޑަރަކަށް މޭޖަރ ޖެނެރަލް ޔާނިވް އަސޯރު، އަދި އޮޕަރޭޝަންސް ޑިވިޝަންގެ ވެރިޔާގެ މަގާމަށް އިޓްޒިކް ކޯހެން އައްޔަން ކުރުމަށެވެ.
އިސްރާއީލުގެ މީޑިއާތަކުން ބުނާ ގޮތުގައި 2025 ވަނަ އަހަރަކީ ”ގާޒާ އާއި އީރާނަށް ފޯކަސްކޮށްގެން ހަނގުރާމައިގެ އަހަރެއް“ ކަމަށް ދެކި، އިސްރާއީލުގެ އަސްކަރިއްޔާގެ ސްޓްރަކްޗަރަލް ބަދަލުތައް ވެސް އާ ޗީފް އޮފް ސްޓާފް ވަނީ ފާސްކޮށްފައެވެ.
އިއްޔެގެ ހަވީރުގެ ވަގުތެއްގައި ޒާމިރު ރަސްމީކޮށް މަގާމާ ހަވާލުވީ، ކުރިން އެ މަގާމުގައިހުރި ހަލޭވީ ޖެނުއަރީ މަހު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. އޭނާ ބުނާގޮތުގައި 2023 ވަނަ އަހަރު އޮކްޓޯބަރު 7 ގައި ފެށުނު ހަނގުރާމައިގެ ޒިންމާ ނަގަންޖެހޭނީ ޙަމާސްއިންނެވެ.
ޒާމިރު މަގާމާ ހަވާލުވުމުގެ ރަސްމިއްޔާތު އޮތީ ޓެލް އަވީވްގައި ހުންނަ ޑިފެންސް މިނިސްޓްރީގެ މައި އޮފީހުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް އާއި ހަލޭވީ އިސްކޮށް ހުރެގެން ގިނަ އަދަދެއްގެ އޮފިޝަލުންގެ ހާޒިރުގައެވެ.
މަގާމާ ހަވާލުވުމަށް ފަހު ޖެނެރަލް ސްޓާފް ފޯރަމްއާ އެކު ޒާމިރު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި، އިޒްރޭލު ޢަސްކަރިއްޔާގެ މައިގަނޑު މިސްރާބުތަކާއި ލަނޑުދަނޑިތަކާއި ނިންމުންތައް ހުށަހެޅި ކަމަށް އިސްރާއީލުގެ ޗެނަލް 14 އިން ބުނެއެވެ.
”2025 ވަނަ އަހަރަކީ ހަނގުރާމައިގެ އަހަރެއް. މި އަހަރު ފޯކަސްކުރާނީ ޣައްޒާ އާއި އީރާނާއި އެހެން މައިދާންތަކުގައި ހޯދިފައިވާ ކާމިޔާބީތައް އިތުރަށް ފުޅާކުރަން“ ޒާމިރު ބުނެފައި ވެއެވެ.
އިސްރާއީލުގެ އާ ޗީފް އޮފް ސްޓާފް ޣައްޒާގައި ތިބި ގައިދީންގެ މައްސަލައަށް އަލިއަޅުވާލަމުން ބުނެފައިވަނީ އެ މީހުން އަނބުރާ އިޒްރޭލަން ގެނައުމަކީ ވާޖިބެއް ކަމަށާއި އެ އެންމެން އަނބުރާ ގެނައުމަށް އިސްރާއީލުގެ ސިފައިން މަސައްކަތް ކުރާނެ ކަމަށެވެ.
ޒާމިރަކީ ނަތަންޔާހޫ އާއި ކަޓްޒް އާއި ގާތްކަން އޮންނަ ލީޑަރެއް ކަމަށް އެނގިފައިވާއިރު، އޭނާއަކީ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓާ ވެސް ވަރުގަދަ ގުޅުމެއް އޮންނަ މީހެކެވެ.
އޭނާ މަގާމާ ހަވާލުވެފައި މިވަނީ ޖެނުއަރީ 19 ވަނަ ދުވަހުން ފެށިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް ޣައްޒާއާ ދެކޮޅަށް ހަނގުރާމަ އަލުން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިސްރާއީލުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.




