ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު ތަންފީޒުކުރަން ފެށުމާއެކު، އިންސްޕެކްޝަންތަކުން ފާހަގަކުރެވޭ މައްސަލަތައް މަދުވެފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހާމަކޮށްފިއެވެ.
މިދިޔަ އަހަރުގެ މެއި މަހު ޢަމަލުކުރަން ފެށުނު މި ޤާނޫނަކީ، ރާއްޖޭގައި ލިބެންހުރި ކާބޯތަކެއްޗަކީ ޞިއްޙަތަށް ރައްކާތެރި ތަކެތިކަން ޔަޤީންކުރުމަށް މިހާރުގެ ސަރުކާރުން އެކުލަވާލި ޤާނޫނެކެވެ. މި ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމުގެ އިޚްތިޔާރު އެމްއެފްޑީއޭއަށް ލިބިގެންދިޔައެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްއެފްޑީއޭގެ ފުޑް ކޮލިޓީ އެޝުއަރެންސް ކޯޑިނޭޓަރ އާމިނަތު ޝަބާނާ ޢަލީ ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މާލެ އާއި އަތޮޅުތަކުގައި އިންސްޕެކްޝަންތައް އިތުރުކުރެވިފައިވާ ކަމަށާއި މި އިންސްޕެކްޝަންތަކުން މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ވިއްކަން ބެހެއްޓިފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މީގެއިތުރުން، ކާބޯތަކެތި ރައްކާކުރުމަށް ބޭނުންވާ އެކަށީގެންވާ ފިނިހޫނުމިނުގައި ބައެއް ފިހާރަތަކުގައި ކާބޯތަކެތި ނުބެހެއްޓޭކަން ފާހަގަކުރައްވާ ޝަބާނާ ވިދާޅުވީ އާ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު އެމްއެފްޑީއޭއަށް ލިބުމާއެކު، ގިނަ ވިޔަފާރިތަކުން މިހާރު ކާބޯތަކެތި ރައްކާތެރިކަމާއެކު ބެހެއްޓުމުގެ މިންގަނޑުތަކަށް ޢަމަލުކުރަން ފަށާފައިވާ ކަމަށެވެ.
”އާންމުންގެ ފަރާތުން ޝަކުވާއެއް ލިބިއްޖެނަމަ، އަޅުގަނޑުމެން އެ ފިހާރައަކަށް ޒިޔާރަތްކުރަން. އެފަދަ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އެ ކާބޯތަކެތި ނުވިއްކުމަށާއި ހުށަހެޅުމުން ނެގުމަށް އަންގަން. އެވަގުތު ނަގާނެ. ނަމަވެސް، ފަހުން އަނެއްކާ ބަލާލާއިރު، އަލުން އެ ތަކެތި ވިއްކަން ބަހައްޓާފައި ހުންނަތަން ފެނޭ. ޤާނޫނުގައި މިފަދަ ޙާލަތްތަކުގައި އެޅޭނެ ފިޔަވަޅުތައް ބަޔާންކޮށްފައިވޭ،“ ޝަބާނާ ވިދާޅުވިއެވެ.
ފިހާރަތަކުގެ އިތުރުން ކާބޯތަކެތި އުފައްދާ ފަރާތްތަކުންވެސް ގަވާއިދުތަކަށް ޢަމަލުކުރުން މުހިންމުކަން ފާހަގަކޮށް ޝަބާނާ ވިދާޅުވީ ޚާއްޞަކޮށް ގޭގައި ތައްޔާރުކޮށް ފިހާރަތަކަށް ވިއްކާ ކާބޯތަކެތި ރަނގަޅަށް ލޭބަލްކޮށްފައި ނުހުންނަކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. މިއާއިއެކު މިފަދަ ކާބޯތަކެތި އުފައްދާ ފަރާތްތަކުން ކަނޑައެޅިފައިވާ އުޞޫލުތަކަށް ޢަމަލުކުރުމަށް ޝަބާނާ ވަނީ އިލްތިމާސްކުރައްވާފައެވެ.




