މިހާރުން މިހާރަށް ރަހީނުން ދޫކޮށްނުލައިފިނަމަ އެންމެން މަރާލާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަމާސް ޖަމާއަތަށް އިންޒާރުދީފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ވަނީ ހަމާސް ޖަމާއަތުން އޭނާ ބުނާ ގޮތަށް ކަންތައް ނުކޮށްފިނަމަ އެ ޖަމާއަތުގެ އެންމެ މެމްބަރަކު ވެސް ސަލާމަތް ނުވާނެ ކަމަށާއި އެ މަސައްކަތް ނިންމުމަށް ބޭނުންވާ ހުރިހާ އެއްޗެއް، އިސްރާއީލަށް ފޮނުވާނެ ކަމަށް ބުނެފައެވެ.
ޓްރަމްޕް ވަނީ ޣައްޒާގައި ބަންދުކޮށްފައި ތިބި ހުރިހާ ރަހީނުން ވަގުތުން ދޫކޮށްލުމަށް އަމުރުކޮށް އެއީ ހަމާސްއަށް ދޭ އެންމެ ފަހުގެ އިންޒާރު ކަމަށް ދޭހަވާ މޭރުމުން ވާހަކަދައްކަވާފައެވެ. އަދި މީގެ ކުރިން ހަމާސްއިން ދޫކުރި ރަހީނުންނާ ބައްދަލުވެފައިވާ ކަމަށްވެސް ޓްރަމްޕް ވަނީ ބުނެފައެވެ.
ރަހީނުން ދޫކޮށްލައިފިނަމަ ޣައްޒާއަށް ރީތި މުސްތަގުބަލެއް އެބަ އޮތް ކަމަށާއި ”ސްމާޓް“ ނިންމުމެއް ހަމާސް އިން ނިންމުމަށް ޓްރަމްޕް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން މިގޮތަށް އަމަލުނުކޮށްފިނަމަ ނަރަކައިން އަގު އަދާކުރަން ޖެހިދާނެ ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.
ޓްރަމްޕްގެ މި އިންޒާރަށް ހަމާސްއިން އަދި ވަކި އެއްޗެއް ބުނެފައި ނުވާއިރު މީގެ ކުރިން ޓްރަމްޕް ދިން މިފަދަ އިންޒާރަކަށް ހަމާސް ޖަމާއަތުން ދިން ރައްދުގައި ބުނީ އެ އިންޒާރަކީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގައި ބައިވެރިއެއްގެ ގޮތުގައި ކުރިއަށް ދިއުމުގެ ވިސްނުން ހުރިކަން ދޭހަކޮށްދޭ އިންޒާރެއް ކަމަށެވެ.
ޓްރަމްޕްގެ އިންޒާރުތަކުން މިއަދު އެމެރިކާގެ ހުތުރު މޫނު ވަރަށް ސާފުކޮށް ހާމަވާ ކަމަށް ވެސް ހަމާސް އިން ވަނީ ބުނެފައެވެ.



