ރަސްފަންނު ސަރަހައްދު އަލުން މަރާމާތުކޮށް ކުރީގެ ފެންވަރަށް ގެނައުމަށް ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްފަންނަށް ޒިޔާރަތްކުރައްވައިފިއެވެ.
ރައީސްގެ މި ޒިޔާރަތުގައި ސަރުކާރުގެ އެކި އިދާރާތަކުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން މި މަޝްރޫޢުގެ މަސައްކަތްތައް ވިލަރެސްކުރާ ފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ.
އެންމެ އަވަސް މުއްދަތެއްގައި ކުރަންޖެހޭ މަރާމާތުތައް ނިންމުމަށްފަހު، ރަސްފަންނުގެ ސަރަހައްދު މިއަދު އާންމު ރައްޔިތުންނަށް ވަނީ ހުޅުވާލާފައެވެ. މި ސަރަހައްދު އިތުރަށް ތަރައްޤީކުރުމަށް ރައީސް ވަޢުދުވެވަޑައިގަތުމާ ގުޅިގެން، ކޮންމެހެން މަރާމާތުތަކެއް ގެންނަން ޖެހޭ ތަންތަން މަރާމާތުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ.
ހުސްވި ފެބްރުއަރީ މަހުގެ ފަހުކޮޅު ރަސްފަންނުގެ ބައެއް ސަރަހައްދުތައް މަރާމާތަށް ބަންދުކޮށްފައިވާއިރު، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވަނީ ރަމަޟާން މަހަށް މާލޭގެ ރައްޔިތުންނަށް މި ސަރަހައްދު ބޭނުންކުރެވޭނެ ގޮތް ހެދުމަށްޓަކައި އެސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިހާރު ނިންމާލާފައެވެ.
މީގެ އިތުރުން ކެއުމުގެ ހަޓުތަކާއި، ބާބަކިޔު ސްޓޭންޑްތަކާއި، ފެންމާގަނޑުތަކާއި، މޫދަށް އެރޭ ސަރަހައްދުތައް ވެސް ވަނީ އެކި ވުޒާރާތަކާއި ސަރުކާރު ކުންފުނިތަކުގެ އެހީތެރިކަމާއެކު މަރާމާތުކޮށް ނިންމާފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިންގ މިނިސްޓަރުކަން ކުރެއްވި ރައީސް ޑރ. މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ތަރައްގީކުރެވުނު ރަސްފަންނު ބީޗްއަކީ މާލޭގެ ތޮއްޖެހިފައިވާ މާހައުލުގައި ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދައިދިނުމަށް ހިންގުނު ހާއްސަ މަޝްރޫއެކެވެ.



