ހުޅުމާލޭގައި ހަތިޔާރާއެކު ސިފައިންގެ ތަމްރީނުތަކެއް ބޭއްވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނިންމައިފިއެވެ.
އެމްއެންޑީއެފްއިން ހާމަކޮށްފައިވާ ގޮތުގައި މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމައަށް ހުޅުމާލޭގެ ފޭސް 1 އަދި 2 ގައެވެ.
ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގެ ހަވީރު 4 ން 6 އަށް އަދި ކޮންމެ އަންގާރަ ދުވަހެއްގެ ރޭ 10 ން އަނެއް ދުވަހުގެ ފަތިހު 1 އަށް ތަމްރީނު ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އެމްއެންޑީއެފް އިން އިތުރަށް ބުނެފައިވާ ގޮތުގައި މި ތަމްރީނުތަކުގައި ސިފައިން ބައިވެރިވާނީ ހަތިޔާރާއެކު ކޮމްބެޓް ހެދުމުގައެވެ.
މީގެ ކުރިންވެސް މިފަދަ ތަމްރީނުތައް މާލޭގެ އެކި ސަރަހައްދުތަކުގައި ބާއްވާފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.



