މަރާމާތުގެ މަސަތްކަތްތަކަށް ބަންދުކުރެވުނު ރަސްފަންނު ސަރަހައްދު އާންމުންނަށް ހުޅުވާލައިފިއެވެ.
އިއްޔެ އެ ސަރަހައްދު ހުޅުވާލިއިރު، ސަރަހައްދު ބައްލަވާލެއްވުމަށް އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވަޑައިގެންފައެވެ.
ރައީސްގެ މި ޒިޔާރަތުގައި ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އަދި ލޯކަލް ގަވަމެންޓް މިނިސްޓަރ ޢާދަމް ޝަރީފް ޢުމަރު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ރަސްފަންނު ސަރަހައްދު ބަންދުކުރެވިފައިވަނީ 22 ފެބުރުވަރީ 2025 ގައި މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށެވެ.
މަރާމާތު ކުރެވުނު ތަންތަނުގެ ތެރޭގައި މޫދައް އެރޭ ސަރަހައްދުގެ ޗަކަ ނެގުން، ފެންވަރާތަން މަރާމުކުރުން، ހަޓްތައް މަރާމތުކުރުން، ޖޯލިތައް އަދި ބާބަކިއު ހެދުމަށް ބޭނުންކުރާ ސްޓޭންޑްތައް ވެސް ވަނީ މަރާމާތު ކުރެވިފައެވެ.
އެ ސަރަހައްދުގެ މޫދުގައި ޗަކަހެދިފައިވާތީ އެ މަސައްކަތް ކުރީ އެމްއެންޑީއެފްގެ އެހީތެރިކަމާއި އެކުގައި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މައުލޫމާތުދެއްވައެވެ. އަދި ބީޗް ވަރަށް ބޮޑަށް ގިރައިގެން ގޮސްފައިވާތީ އެ ސަރަހަށްދު އެޗްޑީސީގެ އެހީތެރިކަމާއި އެކު ވެލިއަޅާ ރަނގަޅުކޮށްފައިވާ ކަންވެސް މިނިސްޓްރީން ފާހަގަކުރައްވައެވެ.
މި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބެލުމުގެ ދަށުން، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އެމް.ޓީ.ސީ.ސީ، ވެމްކޯ، އާރް.ޑީ.ސީ، އެމް.އެން.ޑީ.އެފް، އެޗް.ޑީ.ސީ، އަދި އެމް.ޑަބްލިއު.އެސް.ސީ ގެ އެހީތެރިކަމާއެކުގައެވެ.
މިނިސްޓްރީން މަޢުލޫމާތު ދެއްވިގޮތުގައި، ރަސްފަންނު ސަރަޙައްދުގައި ކުރަންޖެހޭ އިތުރު މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްވެސް ވަނީ ރޭވިފައެވެ.
މި މަސައްކަތްތައް ކުރިއަށްދާނެ ގޮތުގެ އިތުރު މަޢުލޫމާތު އަންނަ ދުވަސްތަކުގައި ހާމަކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.



