އިސްލާމްދީނުގައި ރޯދަ ފަރުޟުކުރެއްވުމުގެ ހިކުމަތަކީ ތަޤުވާވެރިކަން ޙާޞިލުކުރުން ކަމުގައި މިއަދު ދުވަހުގެ ޚުތުބާގައި، ބުނެފިއެވެ.
މިއަދުގެ ޚުތުބާގައި ފާހަގަކުރެއްވި ގޮތުގައި، ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި މާތްﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުމާއި، ޙަރާމް ކަންތައްތަކުން ދުރުހެލިވުމާއި، ނަފުސު އެދޭ އެދުންތަކުގެ މައްޗަށް ގަދަވެގަތުމުގެ ބާރު ލިބުން ހިމެނެއެވެ. އަދި ރޯދަވެރިޔާގެ ކިބައިގައި ރަޙުމާއި ކުލުނު އުފެދުމާއި، ޝައިޠާނާ ނިކަމެތިކޮށް ބަލިކަށިކޮށްލުން ވެސް ހިމެނެއެވެ.
ޚުތުބާގައި ވިދާޅުވި ގޮތުގައި، ރޯދައަކީ ރޯދަވެރިޔާއާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ސިއްރެކެވެ.
”ރޯދަވެރިޔާ ރޯދަ ގެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުންނަނީ، މާތް ﷲ ގެ ރުހިވޮޑިގަތުން ލިބިގަތުމަށެވެ. އެހެނީ ރޯދައަށް ހުރެ ސިއްރިޔާތުގައި ކައިބޮއި އުޅުނަސް، މީހަކަށް އެ ކަމެއް ނޭނގޭނެއެވެ،“ ޚުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ޚުތުބާގައި މީސްމީޑިއާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމާ މެދު އަލިއަޅުވާލާއި ބުނީ މިއަދު މާބޮޑު ކަމެއްގެ ގޮތުގައި ނުދެކި އަރައިގަނެވޭ އެންމެބޮޑު އެއް ފާފައަކީ ދެބައޮޑުވުމާއި ޣީބަބުނުމާއި ދޮގުވާހަކަތަކާއި ހަޑިހުތުރު ބަސްތަކުން މީސްތަކުންގެ އަބުރަށް އަރައިގަނެ އުނދަގޫ ކުރުން ކަމަށެވެ.
ޚުތުބާ ނިންމަވާލައްވަމުން ރޯދައިގެ އެންމެ މުހިންމު ޙިކުމަތަކީ މާތް هللاއަށް ބިރުވެތިވެ، ތަޤުވާވެރިވުންކަން ފާހަގަކޮށް ބުނެފައި ވަނީ ރޯދައަކީ ހުރިހާ މާނައެއްގައި ވެސް ރައްކާތެރިކަމެއް ކަމަށެވެ.




