އިމްތިހާނު ކުރެއްވުމުގެ އެއް މަޤުސަދަކީ އިޞްލާޙުވުން ކަމުގައި ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ވިދާޅުވެއްޖެއެވެ.
ރޭ ކުރިއަށް ގެންދިޔަ އިޙްޔާ ފޯރަމްގައި ”އަޙުޒާބު ހަނގުރާމަ އަދި އެއިން ލިބޭ ޢިބުރަތްތައް“ މި މަޢުޟޫއަށް ތަޤުރީރު ކުރައްވަމުން ޑރ. ޢަބްދުއްސައްތާރު ވިދާޅުވީ އިމްތިޙާނުގެ އަނެއް މަޤްޞަދަކީ ތާހިރުވުމާއި ދަރަޖަ މަތިވެރިވުން ކަމަށެވެ. އަދި މީހެއްގެ ދީނުގައި ވަރުގަދަވި މިންވަރަކުން އިމްތިޙާނުވެސް ހަރުކަށިވާނެ ކަމަށާއި، ދީނުގައި ބަލިކަށިވި މިންވަރަކުން އިމްތިޙާނު ލުއިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
”ރަސޫލުﷲ ﷺ ޙަދީޘްކުރައްވާފައިވާ ގޮތުގައި އެންމެ ބޮޑެތި މުޞީބާތްތައް ޖެހެނީ ނަބިއްޔުންނަށާއި، ދެން އެއާ އެންމެ ގާތް ރަނގަޅު މީހުންނަށް ކަމަށް. މިގޮތަށް ގޮސް އޭނާ މުޅިން އިމްތިޙާނަށްފަހު ތާހިރުވެގެންދާނެ“ ޑރ. ޢަބްދުއްސައްތާރު ވިދާޅުވިއެވެ.
އިމްތިޙާނުތައް ކިތަންމެ ގިނައިން ކުރިމަތިވިޔަސް ކެތްތެރިކަން އިސްކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކޮށް ޑރ. އަބްދުއްސަތާރު ވަނީ މުޞީބާތެއް ނުވަތަ ހިތްދަތިކަމެއް ކުރިމަތިވެއްޖެނަމަ، ގިނަގިނައިން ނަމާދުކުރުމާއި ދުޢާކުރުމުގައި ދެމިހުރުމަށްވެސް ނަސޭހަތްތެރިވެފައެވެ.
ޑރ. ޢަބްދުއްސައްތާރު އިތުރަށް ވިދާޅުވި ގޮތުގައި މުޞީބާތެއް ޖެހުމުން އެމީހެއްގެ ދުޢާ އަވަހަށް އިޖާބަކުރެއްވުމަށް އެދޭ މީހާ، އޭނާ ހެޔޮހާލުގައި ހުންނައިރު ގިނަގިނައިން މާތްﷲ އަށް ދުޢާ ދެންނެވުމުގައި ދެމިހުރުން މުހިންމެވެ. މިގޮތަށް ޢަމަލުކޮށްފިނަމަ، މުޞީބާތެއް ޖެހޭ ހިނދު އެ މުޞީބާތުގައި ގިނަ ދުވަހު ނުބަހައްޓަވާނެ ކަމަށްވެސް ޑރ. ޢަބްދުއްސައްތާރު ވިދާޅުވިއެވެ.
މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް، އަދި އަތޮޅުތަކުގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމާފައިވާއިރު އިތުރުން 6 ސްކޫލަކާއެކު ދަރިވަރުންގެ އިޙްޔާ ފޯރަމްވެސް މިއަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.




