އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފަށައިފިއެވެ.
ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ މި ތަކެއްޗަކީ މަގުމަތިން ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި، އެކިއެކި ތުހުމަތުތަކުގައި ހުއްޓުވައި ސުވާލުކުރެވުނު ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ، އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައެވެ.
ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެތީގެ ތެރޭގައި މާފަންނު ޕޮލިސް ސްޓޭޝަނުގައި ހުރި ދެ އައިޓަމެއް ހިމެނެއެވެ. އޭގެ ތެރޭގައި މާރިޗު 2 ވަނަ ދުވަހު މާވެޔޮ މިސްކިތް ކައިރިން ހޮވައިގެން ގެނެސްފައިވާ ސެމްސަންގ ބްރޭންޑުގެ މޯބައިލް ފޯނަކާއި، މާރިޗު 3 ވަނަ ދުވަހު އިއްޒުއްދީން މަގުން، ކަވަރ ގްރޮސަރީ ފިހާރަ ކައިރިން ހޮވައިގެން ގެނެސްފައިވާ ކުޑަކުއްޖެއްގެ ބައިސްކަލެއް ހިމެނެއެވެ.
މި ތަކެތީގެ ވެރިފަރާތްތަކުން 9660183 ނަންބަރަށް ގުޅައި، އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ. އަދި ތަކެއްޗާ ހަވާލުވުމަށް، ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށްވެސް ފުލުހުން އަންގާފައިވެއެވެ.




