ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާފައިވަނީ ކޮން ދުވަސްވަރެއްގައި ކަން ސާފު ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނައިބު އުޝާމް މިހެން ވިދާޅުވެފައި މިވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.
އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުޝާމް ވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރުން 2023 އަށް އަދި ނޮވެމްބަރު 2023 އިން މިދިޔަ މަހުގެ ނިޔަލަށް ފަނޑިޔާރުންނަށް އެޅި ފިޔަވަޅުތަކުގެ ތަފާސް ހިސާބުތައް ހިއްސާކުރައްވާފައެވެ.
އުޝާމް ވިދާޅުވީ 2019 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ޖޭއެސްސީން ފަނޑިޔާރުންނާމެދު އަޅާފައިވާ ފިޔަވަޅުތަަކަށް ބަލާއިރު ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައި ވަނީ ކޮން ދުވަސްވަރެއްގައިކަން ވަރަށް ސާފު ކަމަށެވެ. މީގެ އިތުރުން ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން “ސްލޫކީވުން“ ނިމުމަކަށް ގެނައީ ނޮވެމްބަރ 2023 އިން ފެށިގެން ކަމަށްވެސް ބަންޑާރަ ނައިބު އުޝާމް ވަނީ ވިދާޅުވެފައެވެ.
ބަންޑާރަ ނައިބު އުޝާމް އާންމުކުރެއްވި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ނޮވެމްބަރު 2018 އިން ނޮވެމްބަރު 2023 ގެ ނިޔަލަށް ޖޭއެސްސީން ވަނީ 56 ފަނޑިޔާރަކަށް ފިޔަވަޅު އަޅާފައެވެ. އަދި މީގެ ތެރެއިން 8 ފަނޑިޔާރަކު މަގާމުން ވަކިކޮށްފައިވާއިރު، 12 ފަނޑިޔާރަކު ސަސްޕެންޑުކޮށްފައި ވެއެވެ. ހަމަ އެހެންމެ ތިން ފަނޑިޔާރެއްގެ މަގާމު ދަށްކޮށް 33 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ސާބިތުވެގެން ނަސޭހަތް ދީފައިވެއެވެ.

މި ސަރުކާރު ފެށިގެން މިވީ ދުވަސްތަކަށް ބަލާއިރު ނޮވެމްބަރު 2023 އިން މިދިޔަ މަހާ ހަމައަށް ޖޭއެސްސީން ފިޔަވަޅު އަޅާފައި ވަނީ ފަސް ފަނޑިޔާރުންނަށެވެ. މިގޮތުން އެއީ ސަސްޕެންޑުކުރި ތިން ފަނޑިޔާރުންނާއި ސުލޫކީ މައްސަލަ ސާބިތުވި ކަމަށް ކަނޑައަޅައި ނަސޭހަތް ދިން ދެ ފަނޑިޔާރުންނެވެ.



