ރޯޔަލް އައިލެންޑުގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، ރައްޔިތުންގެ މަޖިލީސް ނައިބު ރައީސް އަޙްމަދު ނާޒިމް ސުޕްރީމްކޯޓު ފަނޑިޔާރުންނާއި ދެކޮޅަށް ސިއްރު ރޭވުން ރޭވި ކަމަށް ދެކެވޭ ވާހަކަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދޮގު ކުރައްވައިފި އެވެ.
ގާސިމް ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އެ ހަބަރު ފެތުރި ފަރާތުން ފެތުރީ އެއްވެސް ހަގީގަތެއް ނެތް ހަބަރެއް ކަމަށެވެ.
”މިފަދަ ލިޔުންތައް ލިޔެ ޝާއިއުކުރާ މީހުންނަކީ މިފަދަ ދޮގު ހަބަރު ފެތުރުމުގައި ހުރި ނުބައިކަމާއި، ފާފަވެރިކަން އެނގިތިބެ، މުޖުތަމައު ފަސާދަ ކުރުމުގެ ބޭނުމުގައި މިފަދަ އަމަލުތަައް ތަކުރާރުކޮށް ކުރާ މީހުން“ ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެ ޖެހި އާޓިކަލްގައި ހަޤީޤަތެއް ނެތް މިންވަރުގެ ފުރިހަމަ އެއް މިސާލަކީ، 2025 ވަނަ އަހަރު ޖަނަވަރީ މަހު، މާލެއިން ރޯޔަލް އައިލެންޑަށް އަޙްމަދު ނާޒިމް ( މަޖިލިސް ނައިބު ރައީސް ) ވަޑައިގެން ގާސިމާއި ، އުއްތަމަ ފަނޑިޔާރާއި، މުހައްމަދު ޝިހާބު ރޯޔަލް އައިލަންޑުގައި ބައްދަލު ކުރިކަމަށްލިޔެފައި ވުމެވެ.
”އަޅުގަނޑުގެ ކުންފުނިން ހިންގާ ރިސޯޓެއް ނަމަވެސް އަޅުގަނޑު ރޯޔަލް އައިލެންޑް އަށް ނުދާތާވެސް މިހާރު 3 އަހަރު ވެދާނެ. އެންމެ ފަހުން އަޅުގަނޑު ރޯޔަލް އައިލަންޑަށް ގޮސްފައިވާނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހު އޮތް ށ އަތޮޅު ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައިއިލެކްޝަން ގައި ށ ކޮމަންޑޫ ދާއިރާއަށް ކުރި ދަތުރުގެ ތެރޭގަ“ ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެ އާޓިކަލްގައި ބަޔާންކޮށްފައިވާ މުޙަައްމަދު ޝިހާބުވެސް އަދި މިހާރުގެ އުއްތަމަ ފަނޑިޔާރުވެސް ރޯޔަލް އައިލަންޑް ރިސޯޓަށް 2024 ވަނަ އަހަރުވެސް އަދި މިއަހަރުވެސް ނުދާ ކަމަށެވެ.
”އެހެންކަމުން، އަޅުގަނޑާއި، މަޖިލީހުގެ ކުރީގެ ރައީސް ޝިހާބާއި އުއްތަމަ ފަނޑިޔާރާއި، މަޖިލީހުގެ ނައިބު ރައީސް އާއި ގުޅުވައިގެން ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް އެއްވެސް ހަގީގަތެއް ނެތި ސިޔާސީ ބޭނުމުގައި ވަކި ބަޔަކު އޮންލައިން ނޫސްތަކުގައި ފަތުރާ އަދި ފަތުރަމުންދާ މިފަދަ ދޮގު ވާހަކަތައް ހުއްޓުވައި ދިނުމަށް ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑު ގޮވާލަން“ ގާސިމް ވިދާޅުވި އެވެ.
ރޯޔަލް އައިލެންޑްގައި ސިއްރު ރޭވުންތަކެއް ރޭވިކަން ބުނެ ޝާއިއުކުރީ ”ދިޔަވަރު“ ނަމަކަށް ކިޔާ ވެބްސައިޓަކުންނެވެ.
އެ ވެބްސައިޓުގެ އާޓިކަލްގައި ބުނެފައިވާ ގޮތުން ސުޕްރީމް ކޯޓުން އިސްތިއުފާ ދެއްވި ފަނޑިޔާރު ހުސްނުއްސުއޫދުއާއި އަދި ސަސްޕެންޝަންގައި މިވަގުތު ތިބި އެ ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރު އާއި، ޑރ. އަޒްމިރާލްދާ ޒާހިރު އާއި ދެކޮޅަށް މަސައްކަތް ކުރުމަށް އުއްތަމަ ފަނޑިޔާރު ރޯޔަލް އައިލެންޑްގައި ވަނީ ޑީލެއް ހައްދަވައިފަ އެވެ.



