ވިހި ވަނަ މަޖިލީހަކީ ނަމޫނާ މަޖިލީހެއް ކަމަށާއި، ސަބަބަކީ ސަރުކާރުން މަޖިލީހައް އަތްފައި ނުބޭނުން ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީ ގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް ރޭ ދަންވަރު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ، 18 ވަނަ މަޖިލީހުގައި ވެސް އެޅެވުނު ކަމަށާއި، އޭރުގެ ވެރިޔަކީ ޔާމީން ކަމަށެވެ. އަދި އޭރުގެ ރައީސް ޔާމީން އާއި މެޑަމް ފާތިމަތު އިބްރާހިމްގެ އަތްފައި އޮންނަނީ މަޖިލީސް ފުލޯގައި ކަމަށް ފަލާހް ވިދާޅުވިއެވެ.
”އަޅުގަނޑު ހަމަ އަޖައިބުވޭ ޔާމީނުު ޖުޑިޝަރީގެ ވާހަކަ އާއި ކޯޓުތަކުގެ ވާހަކަ ދައްކާތީ އަދި މާ އަޖައިބުވޭ ވައްކަމުގެ ވާހަކަ ދައްކާތީ. އެއަށް ވުރެ އަޖައިބުވޭ އަނިޔާވެރި ކަމުގެ ވާހަކަ ދައްކާތީ“ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ޤައުމުގެ ބައިތުލްމާލަށް ވަރަށް ބޮޑެތި ޚިޔާނާތްތަކެއް ވެފައިވާ ކަމަށާއި، އެތައް ސަތޭކަ މިލިއަން ރުފިޔާއެއް އަމިއްލަ އެކައުންޓުތަކަށް ޖަމާކުރެވިފައިވާ ކަމަށެވެ.
”15 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކާ ސުވާލުކޮށްލިޔަސް، މި ޤައުމަށް އެންމެ ބޮޑު ޚިޔާނާތެއް ވީ ކާކުތޯ އަހާލިޔަސް، އެންމެން ދޭނީ އެއް ޖަވާބެއް”ފަލާހް ވިދާޅުވިއެވެ.
ރައީސް ޔާމިންގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުން 2 އަހަރު ވަންދެން މަގުމަތިކޮށް، މަޖިލީހަށް ވަދެވޭގޮތް ނުވެ، އަނިޔާ ލިބެމުންދިޔަ ކަމަށާއި، ޖުޑިޝަރީއަށް ނުފޫޒު ފޯރުވައި، ކޯޓުތަކުގެ މިނިވަންކަން ނަގާލާފައިވާ ކަމަށްވެސް ފަލާހް ފާހަގަކުރެއްވިއެވެ.
ފަލާހް މިހެން ވިދާޅުވީ ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ތިން ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލާގައި އިދިކޮޅުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.



