ބާސެލޯނާގެ ޓީމު ޑޮކްޓަރު ކާލްސް މިނާރޯ ގާސިއާ ކުއްލި ގޮތަކަށް މަރުވުމާއި ގުޅިގެން، ރޭ އޮސަސޫނާއާ ދެކޮޅަށް ބާސާ ކުޅެން ހަމަޖެހިފައި އޮތް ލަލީގާ މެޗު ފަސްކޮށްފިއެވެ.
ރޭ ރާއްޖެ ގަޑިން 1 ޖަހާއިރު ކުޅެން ހަމަޖެހިފައި އޮތް މެޗު ފަސްކުރީ ސަޕޯޓަރުން ދަނޑަށް ވަދެވެސް ނިމުނު ފަހުން މެޗު ފެށެން 20 މިނިޓަށް ވެފައި ވަނިކޮށެވެ.
އަދި މި ހަބަރު ކުޅުންތެރިންނަށްވެސް ލިބުނީ މެޗު ކުޅުމަށް ދަނޑަށްް އަރަން ތައްޔާރުވެފައި ތިއްބައެވެ.
53 އަހަރުގައި ކާލްސް މިނާރޯ ކުއްލިގޮތަކަށް މަރުވިއިރި އަންބަކާއި ދެ ކުދިން ތިބެއެވެ.
”މިއަދަކީ ކްލަބަށް ވަރަށް ހިތާމަވެރި ދުވަހެއް. މިކަމުގެ ސަބަބުން އަހަރުމެންގެ ހިތްތައް ކުދިކުދި ވެއްޖެ. އަދިވެސް މިތިބީ ޝޮކެއްގަ. މިހާ ކުއްލިގޮތަކަށް މިކަން ދިމާވީމަ.“ ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ ބުންޏެވެ.
2017 އިން ފެށިގެން ބާސެލޯނާގެ އެކި ޓީމްތަކާއެކު މަސައްކަތް ކުރަމުން އައި ޑޮކްޓަރު މިނާރޯ، ބާސާގެ ބޮޑު ޓީމާއެކު މަސައްކަތް ކުރަން ފެށީ މީގެ އެއްމަސް ކުރިންނެވެ.
ލަލީގާއިން ބުނީ ފަސްކުރި މެޗު ކުޅޭނެ ތާރީހެއް ފަހުން އަންގާނެ ކަމަށެވެ.




