ޤައުމެއް ތަހުޒީބުވެގެން ދިޔުމުގެ އަސްލަކީ އަންހެނުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މި އަހަރުގެ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް، އެ ވުޒާރާގެ ރެކްރިއޭޝަން ކުލަބުން އިންތިޒާމުކޮށްގެން ރޭ ބޭއްވި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ހަފުލާގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި، އަންހެން ކަބަލުންނަކީ އެ މިނިސްޓްރީއަށް، އިޙްސާސްނުކުރެވޭހައި ބުރަ މަސައްކަތްތަކެއް ކޮށްދެއްވައި، މިނިސްޓްރީގެ ވަރަށް ގިނަ ކަންކަމުގައި ހީނުކުރާ ފަދަ ބޮޑެތި ޤުރުބާނީވެ ވަޑައިގަންނަވައި ބޭފުޅުން ކަމަށް ހިތުގެ އަޑިން، އެ މަނިކުފާނު ޤަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އަދި ޤައުމެއް އެ ޤައުމެއް ތަހުޒީބުވެގެން ދިޔުމުގެ އަސްލަކީ އަންހެނުން ކަމަށާއި، ޚާއްޞަކޮށް، ސިޓީސް މިނިސްޓްރީއަށް ބަލައި ނަމަ މިހައި ތަނަށް ބޭއްވި ކޮންމެ ކަމެއްގައި އެ ކަމަށް ދިރުން ގެނެސްދިން ބޭފުޅުންނަކީ އަންހެން ބޭފުޅުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
”އަޅުގަނޑުމެން މިނިސްޓްރީގައި ކުރާ ކަންކަމުގައި އެންމެ ފޯރީގައި މަސައްކަތްކުރައްވަނީ އަންހެން ބޭފުޅުން. އެހެންނަމަވެސް މި މިނިސްޓްރީއަކީ ނިސްބަތުން ފިރިހެން މުވައްޒަފުންނަށް ވުރެ އަންހެން މުވައްޒަފުން މަދު ތަނެއް. ނަމަވެސް ކުރާ މަސައްކަތްތަކަށް ބަލައި އިރު ނިސްބަތުން އަންހެން މުވައްޒަފުން މަދުތަނެއް ނުދައްކަވައި“ ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، މުވައްޒަފުންނަށް އަޅައިލައި، އިޙްތިރާމުކުރާ އަދި މުވައްޒަފުންނާ ގާތްކަމެއް ބާއްވާ މިނިސްޓްރީއެއްގެ ގޮތުގައި ސިޓީސް މިނިސްޓްރީ ހެދޭތޯ މަސައްކަތްކުރައްވާނެ ކަމަށެވެ.




